ނެދަލޭންޑްސްގެ ގައުމީ ފުޓުބޯޅަ ޓީމާ ހަވާލުވުމަށް ފަހު ކޯޗު ޒަވީ ހަނާންޑޭޒް އެކުލަވާލި އެންމެ ފުރަތަމަ ސްކޮޑުން، އެ ޓީމަށް ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ތަޖުރިބާކާރު ފޯވަޑް މެމްފިސް ޑެޕާއީއަށް ޖާގަ ނުދީ ބާކީކޮށްފިއެވެ.
ސްޕެއިންގެ ލެޖެންޑް ޒަވީއަކީ ފާއިތުވި 48އަހަރުގެ ތެރޭގައި ނެދަލޭންޑްސްގެ ކޯޗުކަމާ ހަވާލުވި ގައުމުން ބޭރުގެ ފުރަތަމަ ފަރާތެވެ. އޭނާގެ މި ފުރަތަމަ ލިސްޓުގައި ޑެޕާއީގެ އިތުރުން ދެން އެންމެ ފާހަގަކުރެވޭ ގޮތުގައި ނުހިމެނޭ ދެ ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ފްރޭންކީ ޑިޔޮންގް އަދި ޓުވެންޓޭއަށް ކުޅެމުން އަންނަ ވެގްހޯސްޓްއެވެ.
ކުރީގެ ކޯޗު ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ގަވާއިދުން ކުޅެމުން އައި ޑެޕާއީ ވަނީ މިހާތަނަށް ގައުމީ ޖާޒީގައި 55ލަނޑު ޖަހާފައެވެ. ސްޕެއިންގެ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑުގައި ކުރިން މޮޅު ކުޅުމެއް ދެއްކި މި ހުނަރުވެރި ކުޅުންތެރިޔާ މިހާރު ފެންނަނީ ބްރެޒިލްގެ ކޮރިންތިއަންސްއިންނެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނީ 2025ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މުޅިން އަލަށް ޒަވީ އެކުލަވާލި 26ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދި އައު މޫނުތަކުގެ ތެރޭގައި ނެދަލޭންޑްސްގެ ކުރީގެ ތަރި މާކް ވެން ބޮމެލްގެ ދަރިފުޅު ރުބެން ވެން ބޮމެލް ހިމެނެއެވެ. ހަމައެހެންމެ، މި ސީޒަނުގައި ފެޔެނޫޑަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައިވާ އުންމީދީ ޒުވާން މިޑްފީލްޑަރު ޖިވައިޒް ސެކިއެލްއަށް ވެސް ވަނީ މި ފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެވެ.
ކުރިއަށް އޮތް ފީފާ ބައިނަލްއަގުވާމީ މެޗުތަކަށް ބަލާއިރު، މި މަހުގެ 24ވަނަ ދުވަހު އަމިއްލަ ގައުމުގައި ނެދަލޭންޑްސް ނުކުންނާނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބަލްގްރޭޑަށް ގޮސް ސާބިއާއާ ކުރިމަތިލުމަށް ފަހު، އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ގްރީސްއާ ބައްދަލުކުރާނެއެވެ. އަދި އޮކްޓޫބަރު ހަތަރެއްގައި އަމިއްލަ ދަނޑުގައި އަނެއްކާ ވެސް ސާބިއާއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.