ފަހަކަށް އައިސް ޖަރުމަނުގައި ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކުރިއެރުންތަކާ އެކު، އެ ޤައުމުގެ ފަޚުރުވެރިކަމާއި ޤައުމީ ރަމްޒުތައް އެފަދަ ނުރައްކާތެރި ބައެއްގެ މުށުތެރެއަށް ދޫކޮށްނުލުމަށް، ޖަރުމަނުގެ މަޝްހޫރު ފުޓުބޯޅަ ކޯޗު ޔާގަން ކްލޮޕް ގޮވާލައިފިއެވެ.
ޔުއެފާ ނޭޝަންސް ލީގަށް ތައްޔާރުވުމުގެ ގޮތުން 44ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ލިވަޕޫލްގެ ކުރީގެ ކޯޗު ބުނީ، ޤައުމާ މެދު ފަޚުރުވެރިވުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ޤައުމީ ދިދަ ހިއްލާލާ ކޮންމެ ފަހަރަކު އެއީ ހަރުކަށި ފިކުރުގެ މީހެއްކަމަށް ލޭބަލްވުމުގެ ބިރު އޮވެގެން ނުވާނެކަމަށް އޭނާ ފާހަގަކުރިއެވެ. ސީދާ ގޮތެއްގައި "އަލްޓަނޭޓިވް ފޯ ޖާމަނީ (އޭއެފްޑީ)"ގެ ނަން ނުގެނައި ނަމަވެސް، ކްލޮޕްގެ މި ވާހަކަތައް އަމާޒުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު ސެކްސަނީ-އަންހާލްޓް ސްޓޭޓްގެ އިންތިޚާބުގައި އެ ޕާޓީން ހޯދި ބޮޑު ކާމިޔާބީއަށެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ސްޓޭޓް ލެވެލްގައި ހަރުކަށި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭއެފްޑީއަށް ވަނީ ފަހިވެފައެވެ.
"މި ޤައުމަށް އުފަންވި މީހަކަށް ވިޔަސް، ނުވަތަ ހިޖުރަކޮށްގެން އުޅޭ މީހަކަށް ވިޔަސް، ޤައުމީ ދިދަ ފެނުމުން އުފާވެރިކަން އިހުސާސްވާންޖެހޭނެ. އެއްގޮތަކަށް ވެސް ނުބައި ބައެއްގެ އަތްމައްޗަށް ޤައުމީ ރޫހު ދޫކޮށްލާކަށް ބޭނުމެއް ނޫން"ކްލޮޕް ބުންޏެވެ.
ކްލޮޕްގެ މި ހަރުދަނާ ވާހަކަތަކަށް ޖަރުމަނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ތާއީދުކުރައްވާފައެވެ. އެގޮތުން، ވައިސް ޗާންސެލަރ އަދި ފިނޭންސް މިނިސްޓަރު ލާސް ކްލިންބެއިލް ވިދާޅުވީ، ޖަރުމަނުގެ ތިން ކުލަ ހިމެނޭ ދިދައަކީ ބޮޑާކަމުގެ ނިޝާނެއް ނޫން ކަމަށާއި، ބައިނަލްއަޤުވާމީ ވިސްނުމަކާއެކު ޤައުމާ މެދު ފަޚުރުވެރިވުމުގެ ޖާގަ އޮންނާނެ ކަމަށެވެ. މީގެ އިތުރުން ކްރިސްޓިއަން ޑިމޮކްރެޓްސްގެ ސެކްރެޓަރީ ޖެނެރަލް ފްރަންޒިސްކާ ހޮޕަމަން ވެސް ވަނީ ޤައުމީ ރަމްޒުތައް ބޭނުންކުރުމުގެ މިނިވަންކަން އެންމެންނަށް އޮންނަންވާނެކަމަށް ވިދާޅުވެ، ކްލޮޕްގެ ގޮވާލުމަށް މަރުހަބާ ވިދާޅުވެފައެވެ.
ޖަރުމަނުގެ ޤައުމީ ކުލަތައް ރަމްޒުކޮށްދޭ ތޮތްޕެއް އަޅައިގެން ހުރެ ކްލޮޕް އިތުރަށް ބުނީ، ނާޒީންގެ އަނދިރި މާޒީގެ ސަބަބުން ޤައުމީ ލޯބި ފާޅުކުރުމަކީ ޖަރުމަނުގައި އަބަދުވެސް ނާޒުކު މައްސަލައެއް ކަމަށެވެ. އެހެންކަމުން "ޤައުމީ ފަޚުރު"ގެ ބަދަލުގައި "އެދެވޭ ޤައުމީ ލޯބި"މި އިބާރާތް ބޭނުންކުރުމަށް އޭނާ އިސްކަންދިނެވެ.
ކުރިއަށް އޮތް 24ވަނަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުން ޤައުމީ ޓީމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވާ ކްލޮޕް ބުނީ ، ޖަރުމަނު ރައްޔިތަކަށް ވީތީ ފަޚުރުވެރިވުމާ އެކު ވެސް، އެހެން މީހުންނަށް އިހުތިރާމުކުރާ އޯގާތެރި މީހަކަށް ވެވޭނެކަން ޔަގީންކުރާ ކަމަށެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން އޭއެފްޑީގެ ފަރާތުން ފަހުން ރަސްމީ ބަޔާނެއް ނެރޭނެކަމަށް އެ ޕާޓީގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.