އެމެރިކާގައި ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ރަޝިއާގެ ކަރެން ހަޗަނޯވް ބަލިކުރުމަށް ފަހު، މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގެ ފުރަތަމަ ޖާގަ ޖަރުމަނުގެ އެލެގްޒެންޑަރ ޒުވަރޭވް ކަށަވަރުކޮށްފިއެވެ.
ދުނިޔޭގެ އެއްވަނައަށް ސީޑުކޮށްފައިވާ ޒުވަރޭވް މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެހެންނަމަވެސް މިއީ އޭނާއަށް ފަސޭހަ ކުރިމަތިލުމަކަށް ނުވިއެވެ. ފުރަތަމަ ސެޓު 6-3އިން ޒުވަރޭވް ގެންދިޔަ ނަމަވެސް، އަނެއް ދެ ސެޓު އޭނާ ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ޓައި ބްރޭކަށް ގޮސްގެންނެވެ. އެގޮތުން ދެވަނަ ސެޓުގެ ޓައި ބްރޭކް 9-7އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓުގެ ޓައިބްރޭކް އޭނާ ގެންދިޔައީ 8-6އިންނެވެ.
މިއީ މި އަހަރުގެ ސީޒަނުގައި ވިދިވިދިގެން ޒުވަރޭވް ކުޅޭ ގްރޭން ސްލޭމްގެ ތިންވަނަ ފައިނަލެވެ. މި ސީޒަނުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށް އޭނާގެ ފުރަތަމަ ގްރޭން ސްލޭމް ތަށި އުފުލާލިއިރު، ވިމްބަލްޑަންގެ ފައިނަލުން އޭނާ ވަނީ ޔަނިކް ސިނަރ އަތުން ބަލިވެފައެވެ. ކުރިއަށް އޮތް ޔޫއެސް އޯޕަންގެ ފައިނަލްގައި ޒުވަރޭވް ނުކުންނާނީ އެމެރިކާގެ ދެ ކުޅުންތެރިން ކަމަށްވާ ބެން ޝެލްޓަން (8ވަނަ ސީޑު)ނުވަތަ ފްރަންސިސް ޓިއަފޯ (11ވަނަ ސީޑު)ގެ ތެރެއިން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.
ސެމީ ފައިނަލް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒުވަރޭވް ފާހަގަކުރިގޮތުގައި، ފައިނަލް މެޗު ވެގެންދާނީ އޭނާއަށް ވަރަށް ޚާއްސަ އަދި ތަފާތު ތަޖުރިބާއަކަށެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، އިދިކޮޅަށް ނުކުންނާނީ އެމެރިކާގެ ކުޅުންތެރިއަކަށް ވުމާ އެކު ދަނޑަށް ވަންނަ ގިނަ ސަޕޯޓަރުންގެ އަޑު ހުންނާނީ އެ ކުޅުންތެރިޔަކަށް ކަމަށް ވުމެވެ. މީގެ ކުރިން 2020ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ކުޅެ، ޒުވަރޭވް ވަނީ ޑޮމިނިކް ތިއެމް އަތުން ބަލިވެފައެވެ.
ފަހަކަށް އައިސް ޓެނިސް ކޯޓުތަކުގައި އެންމެ ވިދަމުން އަންނަ ސިނަރ އަދި ކާލޯސް އަލްކަރާޒްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ފައިދާ ޒުވަރޭވް އަންނަނީ ފުރިހަމަ ގޮތެއްގައި ނަގަމުންނެވެ. އަނިޔާގެ ސަބަބުން ސިނަރއަށް މި މުބާރާތުގައި ނުކުޅެވުނުއިރު، އަލްކަރާޒް މުބާރާތަށް ނުކުތީ ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ. އެހެންކަމުން އެ ދެ ކުޅުންތެރިން ފިޓުވެގެން އެނބުރި އައުމުން ޒުވަރޭވްގެ ކުޅުން މި ފެންވަރުގައި ހިފެހެއްޓޭނެތޯ ބައެއް މީހުން ސުވާލު އުފެއްދި ނަމަވެސް، މި ވަގުތުގެ ފޯމަށް ބަލާއިރު މިއަހަރުގެ ޔޫއެސް އޯޕަން ތަށި އުފުލާލުމާ އެންމެ ގާތުގައި ހުރީ ޒުވަރޭވް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.