އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން އަރީނާ ސަބަލެންކާ ބަލިކުރުމަށް ފަހު، ކަޒަކިސްތާނުގެ އެލީނާ ރިބާކިނާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް އަރައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ރޭ ރިބާކިނާ ވަނީ 6-4، 5-7އަދި 6-2ގެ ނަތީޖާއަކުން، ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ސަބަލެންކާގެ މައްޗަށް ކުރިހޯދާފައެވެ. މިއީ އުމުރުން 27އަހަރުގެ ރިބާކިނާގެ ކެރިއަރުގައި ކާމިޔާބުކުރި ތިންވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. މި ބޮޑު ކާމިޔާބީއާ އެކު ރިބާކިނާއަށް ވަނީ ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ލިބުމުގެ އިތުރުން 5.5މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް ކަށަވަރުވެފައެވެ.
ފައިނަލް މެޗުން ބަލިވުމާއެކު ސަބަލެންކާއަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޭނާ ވިދިވިދިގެން 20މެޗުން މޮޅުވެފައި އޮތް އޮތުން ނިމުމަކަށް އައުމުގެ އިތުރުން، ސެރީނާ ވިލިއަމްސްއާއި ކްރިސް އެވަރޓް ފަދައިން ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް ކާމިޔާބުކުރުމަށް އޭނާ ދެކެމުންދިޔަ ހުވަފެން ވަނީ ބިލާހަކަށް ވެފައެވެ. މިއާއެކު މިއަހަރުގެ އެއްވެސް ބޮޑު މުބާރާތެއްގެ ތަށްޓަކާ ނުލައި ސަބަލެންކާއަށް ވަނީ ސީޒަން ނިންމާލަން މަޖުބޫރުވެފައެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ރިބާކިނާ ކާމިޔާބުކުރިއިރު، ސަބަލެންކާ ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓު ހޯދާފައެވެ. ނަމަވެސް ފަހު ސެޓުގައި މޮޅު ކުޅުމެއް ދައްކައި ރިބާކިނާ ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ. މެޗުގެ ތެރޭގައި ސަބަލެންކާއަށް ހެދުނު ގޯސްތަކުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ރުޅިގަދަވެފައި ހުރިތަން ފެނުނެވެ. މެޗަށް ފަހު ރޮވިފައި ހުރެ ސަބަލެންކާ ބުނީ ބޮޑު ފައިނަލަކުން ބަލިވުމުން ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވި ކަމަށާއި، އެ ރުޅިގަނޑު ބޭރުކޮށްލީ ކަމަށެވެ. އަދި އޭނާ ވަނީ ރިބާކިނާއަށް މަރުހަބާ ކިޔައިފައެވެ.
ރަޝިއާގެ ކުރީގެ މަޝްހޫރު ތަރި މާރިއާ ޝަރަޕޯވާގެ އަތުން ޗެމްޕިއަންކަމުގެ ތަށި ހަވާލުވުމަށްފަހު ރިބާކިނާ ބުނީ، މުބާރާތުގެ ކުރިން ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މިފަދަ ބޮޑު ކާމިޔާބީއެއް ލިބިދާނެ ކަމަށް އޭނާ އެއްގޮތަކަށް ވެސް އުއްމީދު ނުކުރާ ކަމަށެވެ. އަދި އޭނާ ވަނީ ނިއު ޔޯކުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ރިބާކިނާއަކީ މި ގަރުނުގެ ތެރޭގައި އެއް އަހަރެއްގައި ހާޑްކޯޓުގެ ދެ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބުކުރީ އޭނާއެވެ.
މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ ސީޑު އެލެގްޒެންޑަރ ޒްވެރެވްއާ ދެކޮޅަށް ނުކުންނާނީ އެމެރިކާގެ ބެން ޝެލްޓަންއެވެ. މިއީ ފާއިތުވި 23އަހަރުގެ ތެރޭގައި އެމެރިކާގެ ފިރިހެން ކުޅުންތެރިއަކު މި ތަށި ހޯދުމަށް ކުރާ އުއްމީދީ ދަތުރެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.