ރެޑްބުލްއިން އިންތިޒާމުކުރި "ރެޑްބުލް ހާފްކޯޓް"ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގެ ރާއްޖޭގެ ބައި ސައްތައިން ސައްތަ ރެކޯޑަކާއެކު ކާމިޔާބުކޮށް، މިއަހަރުގެ ޑިސެމްބަރު މަހު ފިލިޕީންސްގައި އޮންނަ ވޯލްޑް ފައިނަލުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ކްލަބް ވޮލްޗާސްއިން ހޯދައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 20ގައުމެއްގެ ޗެމްޕިއަނުންނާ ދެކޮޅަށް ފިލިޕީންސްގައި ކުޅޭ މި ފޯރިގަދަ ފައިނަލަށް ވޮލްޗާސް ނުކުންނާނީ ރާއްޖޭގެ ރަސްމީ ޓީމުގެ ހައިސިއްޔަތުންނެވެ. މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ އިވެންޓެވެ.
ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އެ ކްލަބަށް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އެ ޓީމުގެ ތާރީޚުގައި ވެސް ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީއެވެ. ކްލަބްގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ދެކޭ ގޮތުގައި، އެއްވެސް މެޗަކުން ބަލިނުވެ މި ޝަރަފުވެރި މަގާމާ ހަމައަށް ވާސިލުވުމުގެ އެންމެ ބޮޑު ސިއްރަކީ ކުޅުންތެރިންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމާއި މޮޅު ރޭވުންތެރިކަމެވެ.
އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ފިލިޕީންސްގައި ފަށާ ވޯލްޑް ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ކްލަބް ވޮލްޗާސްއިން އަންނަނީ ވަރުގަދަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަމުންނެވެ. އެ ޓީމުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ވާދަކޮށް ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.