މިމަހުގެ 19އިން އަންނަ މަހުގެ 4އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައި، ޓީމުގެ ރޭންކިންގ ކުރިއެރުވުން ކަމަށް ކަނޑައަޅައިފިއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ކުރިއަށްދިޔަ ފަރިތަކުރުންތަކަށް ފަހު، ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމް ބުނެފައިވަނީ މިއީ ދިވެހި އެތުލީޓުންނަށް ތަފާތު ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ މުބާރާތެއް ކަމަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއި ކުޅުންތެރިންނާ ކުރިމަތިލާއިރު، އެކި ކަހަލަ ސްޓައިލްތަކުގެ ކުޅުންތެރިންނާ ވާދަކޮށް މެޗުތަކުން މުހިންމު ތަޖުރިބާތަކެއް ހާސިލުކުރެވޭނެކަން އޭނާ ފާހަގަކުރިއެވެ.
އޭޝިއަން ގޭމްސް ފަދަ ބޮޑު އަދި ވާދަވެރި މުބާރާތެއްގައި ބައިވެރިވާއިރު، ރަފާގެ އުންމީދަކީ ކުރިން އޮތް ރޭންކިންގއަށްވުރެ ރަނގަޅު ހިސާބަކަށް ޖެހިލުމެވެ. މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅޭއިރުވެސް ދޫނުދީ، ކޮންމެ މެޗެއްގައިވެސް ފުރިހަމަ ހިތްވަރާ އެކު ރަނގަޅު ފައިޓެއް ދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަށް ޖުމްލަ އަށް ކުޅުންތެރިން ހިމެނޭ ސްކޮޑެއް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި ފިރިހެން ކުޅުންތެރިންގެ ގޮތުގައި މޫސާ މުންސިފް އަޙުމަދު، މުޙައްމަދު ޝައްފާން އިސްމާޢީލް، އަޚްޔާރް އަހްމަދު ޚާލިދް އަދި މުޙައްމަދު ޚަލަފް ރާފިޢު ހިމެނެއެވެ. އަންހެން ޓީމުގައި ހިމެނެނީ އާއިޝަތު ރަފާ ނާޒިމް، ފާތިމަތު ދީމާ ޢަލީ، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމެވެ.
މަތީ ތަޢުލީމު ހާސިލުކުރަމުންދާތީ ރަފާ މުބާރާތަށް ފުރާނީ އިނގިރޭސިވިލާތުންނެވެ. ހަމައެހެންމެ، މެލޭޝިއާގައި ތަޢުލީމު ހާސިލުކުރަމުން އަންނަ ދީމާ އާއި އަޚްޔަރުވެސް ޓީމާ ގުޅޭނީ އެ ޤައުމުން ފުރައިގެން ގޮސް ޖަޕާނުންނެވެ. ސްކޮޑުގައި ދެން ތިބި ކުޅުންތެރިން އަންގާރަ ދުވަހު މާލެއިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ޤައުމީ ޓީމުން މި މުބާރާތަށް ތައްޔާރުވަމުންދަނީ މިދިޔަ ޖުލައި މަހު ޓީމާ ހަވާލުވި ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު އޮމިނިޔި އަޑެޑޮޓުންގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.