ރާއްޖެ ތަމްސީލުކޮށް މި މަހު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ސާފިން ޓީމު، މުބާރާތް އޮންނަ ގައުމުގެ މާހައުލަށް ހޭނުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް އެ ގައުމަށް ފުރައިފިއެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގައި ކޮލިފައިން ކުޅެގެން ދިވެހިރާއްޖެއިން ވާދަކުރާ ހަމައެކަނި ކުޅިވަރަކީ ރާޅާއެޅުމެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ހުނަރު ދައްކާލާނީ ހަތަރު އެތުލީޓުންނެވެ. އެއީ ފިރިހެން ދެ ރާޅާއެޅުންތެރިން ކަމަށްވާ ކަޔާން އަބްދުﷲ އަރީފް އަދި ޔަސިން އަހުމަދު ނާޝިދުގެ އިތުރުން، އަންހެން ދެ ރާޅާއެޅުންތެރިން ކަމަށްވާ އާމިނަތު ތަނީސް ޝިރަން އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ)އެވެ. މި އެތުލީޓުން މުބާރާތުން ޖާގަ ކަށަވަރުކުރީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އިން ބޭއްވި ހާއްސަ ޓްރައިއަލްތަކެއް ކާމިޔާބުކޮށްގެންނެވެ.
އޭޝިއަން ގޭމްސްއިން ރާއްޖެއަށް ފުރުސަތު ލިބުނީ، ދިވެހިރާއްޖެ އަދި އިންޑިއާގައި ބޭއްވުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ހޯދި ނަތީޖާތަކަށް ބިނާކޮށެވެ. ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސަބާހް (ޗޭ)މީޑިއާއަށް މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވި ގޮތުގައި، މި ޓީމުގައި ހިމެނެނީ ޒުވާން، ނަމަވެސް ސީނިއާ ލެވެލްގައި ވާދަކޮށް ކާމިޔާބީތައް ހާސިލުކޮށްފައިވާ ތަޖުރިބާކާރު އެތުލީޓުންތަކެކެވެ.
މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މީގެ ކުރިން ސްރީލަންކާގައި ވެސް ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. ސަބާހް ވިދާޅުވި ގޮތުގައި ލަންކާ އަދި ޖަޕާނުގައި ވެސް ކޭމްޕްކުރުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ރީފް ބްރޭކް ރާޅުތަކާ ހިލާފަށް، އެ ދެ ގައުމަކީ ވެސް ބީޗް ބްރޭކް ރާޅު ނަގާ މާހައުލުތަކަށް ވުމެވެ. ޖަޕާނުގައި މިހާރު ފަށާފައިވާ ކޭމްޕަކީ މުބާރާތް އޮންނަ ސީދާ މާހައުލާއި އުނދަގޫ ކޮންޑިޝަންތަކަށް ދިވެހި އެތުލީޓުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ފަރިތަކުރުންތަކެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.