އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގައި ލިއޮނެލް ސްކަލޯނީ ހޭދަކުރަމުންދާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާއިރު، ކުޅުންތެރިންނާއި ސްޓާފުންނަށް ލިބެންޖެހޭ ބޯނަސް ފައިސާ ނުލިބުމާއި އެހެނިހެން ގޮންޖެހުންތަކާ ގުޅިގެން ކޮންޓްރެކްޓް އާކުރުމަށް އޭނާ ދެކޮޅުހަދައިފިއެވެ.
ކުރިއަށް އޮތް ވިހި ދުވަހުގެ ތެރޭގައި ފީފާގެ އިންޓަނޭޝަނަލް ބްރޭކުގެ އެކުވެރިކަމުގެ މެޗުތަކަށް ނުކުންނަން ޖެހިފައިވީ ނަމަވެސް، ސްކަލޯނީ މިވަގުތު ޓީމުގެ ކަންކަމާ ދުރުގައި ހުރުމުގެ ސަބަބުން އާޖެންޓީނާގެ ސްކޮޑު އަދިވެސް އޮތީ ފައިނަލް ނުކުރެވިއެވެ. ކޮންޓްރެކްޓް އާކުރުން ލަސްކުރާ އެންމެ ބޮޑު އެއް ސަބަބަކީ، ފަހުގެ ތާރީޚެއްގައި އާޖެންޓީނާއިން ހޯދި ބޮޑެތި ކާމިޔާބީތަކަށް ފަހު ވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް ހައްގުވާ އިނާޔަތްތައް ފޯރުކޮށްދީފައި ނުވުމެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މަގާމުގައި ދެމިހުރުމާ މެދު ސްކަލޯނީ ދެވިސްނުމެއްގައި ހުރި އަނެއް ސަބަބަކީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އިތުރުން ގިނަ ދުވަސްވީ ސީނިއަރ ކުޅުންތެރިންތަކެއް ކުޅުމާ ދުރަށްދިޔުމެވެ. މީގެ ސަބަބުން މުޅިން އައު ޓީމެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް އޭނާ ކަންބޮޑުވެއެވެ.
ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި 2022ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ފައިނަލިސިމާގެ އިތުރުން 2021އަދި 2025ގެ ކޮޕާ އެމެރިކާ އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމަށް ސްކަލޯނީ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ފެންވަރުގައި މަސައްކަތް ދެމެހެއްޓިދާނެކަމާމެދު އޭނާ އަމިއްލަ ނަފުސާ ސުވާލު އުފައްދައެވެ. އަދި އެސިސްޓެންޓް ކޯޗު ވޯލްޓަރ ސެމިއުއެލް ފަދަ މުހިންމު ސްޓާފުން އަމިއްލަ ކޯޗިން ކެރިއަރެއް ފެށުމަށް ޓަކައި ޓީމާ ވަކިވާން ތައްޔާރުވަމުން ދިޔުމަކީ ވެސް ސްކަލޯނީގެ މި ނިންމުމަށް ބާރުދޭ ކަމެއް ކަމުގައި އާޖެންޓީނާގެ ނޫސްތަކުން ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.