ފަހަކަށް އައިސް ފުޓުބޯޅަ ދަނޑުތަކުގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން، ނެދަލެންޑްސްގެ ސްޓޭޑިއަމްތަކުގައި ކުޅޭ މެޗުތަކުގެ ތެރެއިން ސަޕޯޓަރުން ފްލެއަރ ނުވަތަ ބަޑިބޭސް ބޭނުންކުރާ ހާލަތްތަކުގައި އެ މެޗެއް ވަގުތުން ހުއްޓާލުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަރުކަށި ފިޔަވަޅު އެޅުމަށް އެއްބަސްވެފައި ވަނީ ނެދަލެންޑްސްގެ ފުޓުބޯޅަ އެސޯސިއޭޝަނާއި، ޕްރޮސިކިއުޝަން ސަރވިސްގެ އިތުރުން އެ ޤައުމުގެ ޖަސްޓިސް އެންޑް ސެކިއުރިޓީ މިނިސްޓަރު ޑޭވިޑް ވަން ވީލްއެވެ. މިނިސްޓަރު ޑޭވިޑް ވަނީ ލޯކަލް ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މި އާ އުސޫލު ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން، ދެން ކުރިއަށް އޮންނަ މެޗުތަކުގައި ކުޑަ ނަމަވެސް ބަޑިބޭހުގެ ބާވަތެއް ބޭނުންކޮށްފި ނަމަ، މެޗު ކުރިއަށް ނުގެންގޮސް ދަނޑުގައި ތިބި އެންމެން ގެއަށް ފޮނުވާލާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މިފަދަ ހަރުކަށި ނިންމުމެއް ނިންމަން މަޖުބޫރުވީ ފާއިތުވި މަހު ލޭވަރޑެންގައި އެސްސީ ކަމްބޫރާއި ފެޔަނޫޑް ވާދަކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެ މެޗުގައި ފެޔަނޫޑުގެ ސަޕޯޓަރުން ދަނޑަށް ގިނަ އަދަދެއްގެ ރަތް ފްލެއަރ އަދި ގޮވާ ތަކެތި އުކުމުގެ ސަބަބުން ބައެއް މީހުން ފިހުމުގެ އިތުރުން، ލޮލަށާއި ކަންފަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ ދުވަހުގެ މެޗުގެ ފުރަތަމަ ހާފުގައި ގާތްގަނޑަކަށް ވިހި މިނެޓަށް ކުޅުން ހުއްޓާލަން ޖެހުނީ ވެސް ސަޕޯޓަރުންގެ މި އަމަލުތަކާ ހުރެއެވެ. އިދިކޮޅު ޓީމު ކަމްބޫރުގެ ސަޕޯޓަރުން ތިބި ސްޓޭންޑަށް އަމާޒުކޮށް ގިނަ ތަކެތި އުކާފައިވާއިރު، ފެޔަނޫޑުގެ ކީޕަރު ޓްޖާކް އާންސްޓް ކައިރިއަށް ވެސް ބަޑިބޭސްގަނޑެއް ވެއްޓި ގޮވާފައިވެއެވެ.
މި ނުރައްކާތެރި ހާދިސާއަށް ފަހު ކަމްބޫރު ކުލަބުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޓީމަށް ސަޕޯޓުކުރަން ވަން ފަސް މީހަކަށް އެކި ވަރުގެ ޖިސްމާނީ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.