ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމެރިކާ ލީގު ޓްރާންސްފަރގެ އަގު 370މިލިއަނަށް

ޝެއާ ކުރޭ Facebook Telegram Viber X

މި ސީޒަނަށް އާ ކުޅުންތެރިން ހޯދުމުގެ ގޮތުން އެމެރިކާގެ މޭޖަރ ލީގު ސޮކާ (އެމްއެލްއެސް)ގެ ކުލަބުތަކުން ޖުމްލަ 370މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށް، ޓްރާންސްފަރ މާކެޓުގައި އެ ލީގުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު އިންވެސްޓްމަންޓެއް ކޮށްފިއެވެ.

ޚަބަރު ފަތުރާ އޭޖެންސީއެއް ކަމަށްވާ ރޮއިޓާސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ އެންމެ ފަހުން ނިމުނު ސީޒަނާ އަޅާބަލާއިރު 34މިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ. އެގޮތުން 2025ވަނަ އަހަރު ކުޅުންތެރިންގެ ޓްރާންސްފަރތަކަށް 336މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އޭގެ ކުރީ އަހަރު އެ ލީގުން ހޭދަކޮށްފައިވަނީ 172މިލިއަން ޑޮލަރެވެ. މިއާއެކު، ލީގުގައި ވާދަކުރާ އަށް ކުލަބަކުން ވަނީ ކުޅުންތެރިން ގަތުމަށް އެ ކުލަބުތަކުން ކުރިން ހަދާފައިވާ ރެކޯޑުތައް އާކޮށްފައެވެ. އަދި ސެންޓް ލުއީ ސިޓީއިން ވަނީ އެ ކުލަބުގެ ޓްރާންސްފަރ ރެކޯޑު ދެ ފަހަރެއްގެ މަތިން މުގުރާލާފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ކުޅުންތެރިންގެ މެދުގައި އެމެރިކާ ލީގުގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު، ވޯލްޑް ކަޕްގެ ތަޖުރިބާ ލިބިފައިވާ 30ކުޅުންތެރިއަކު ވަނީ މި ފަހަރުގެ ސީޒަނަށް އެމްއެލްއެސްއާ ގުޅިފައެވެ. އޭގެ ތެރޭގައި، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދިޔަ އެންމެ ފަހުގެ ވޯލްޑް ކަޕްގައި ކުޅުނު 20ކުޅުންތެރިއެއް ވެސް ހިމެނެއެވެ.

ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއް ކުރި ނަމަވެސް، ކުޅުންތެރިން ވިއްކައިގެން ވެސް އެ ލީގުން ވަނީ ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. އެގޮތުން، އެމެރިކާ ލީގުން ވިދާލި 15ކުޅުންތެރިއަކު ބޮޑު އަގުގައި އެހެން ލީގުތަކަށް ވިއްކާލައިގެން، އެމްއެލްއެސްގެ ކުލަބުތަކަށް ވަނީ 218މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު