ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑޮނަރުއްމާއަށް ބޭކާރު ޕާސް ނުދޭން ކުޅުންތެރިންނަށް އަންގައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާއަށް އަމާޒުކޮށް ފަހަތަށް ދިން ބޭކާރު ޕާސްތަކުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކެއް ކުރިމަތިވުމުން، އެގޮތަށް ޕާސް ދިނުން ހުއްޓާލުމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ކުޅުންތެރިންނަށް އަންގައިފިއެވެ.

ޕޯޓޯގެ ޑޯ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކުރި ނަމަވެސް، ފަހަތުން ހެދުނު ގޯސްތަކުގެ ސަބަބުން ކީޕަރު ޑޮނަރުއްމާގެ ފަރާތުން ވަނީ ހާސްކަން ފެނިގެން ގޮސްފައެވެ.

މި މެޗުގައި ސިޓީގެ ޑިފެންޑަރުން ޑޮނަރުއްމާއަށް ދިން ބައެއް ޕާސްތަކުގެ ފައިދާ ނަގައި، ޕޯޓޯގެ ވިލިއަމް ގޯމެސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި ހާލަތްތަކުގައި ޑޮނަރުއްމާ ހާސްވެ، ސިޓީގެ ގޯލަށް ބޯޅަ ނުވަނީ ކިރިޔާއެވެ. ނަމަވެސް، މެޗަށް ފަހު ވާހަކަދައްކަމުން އިޓަލީގެ ކޯޗު މަރެސްކާ ވަނީ އޭނާގެ ގައުމަށް ނިސްބަތްވާ ކީޕަރުގެ ދިފާއުގައި ވާހަކަދައްކާފައެވެ. އޭނާ ބުނީ މެޗުގައި ފެނިގެންދިޔަ ކަންކަމަކީ ޑޮނަރުއްމާގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިން އޭނާއަށް ފަހަތަށް ޕާސްދޭން ނިންމި ނުބައި ނިންމުންތަކުގެ ސަބަބުން ދިމާވި ކަންތައްތަކެއް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިރޭ (ރޭ)ފެނުނު ކަންކަމަކީ ޖީޖިއޯ (ޑޮނަރުއްމާ)ގެ މައްސަލައެއް ނޫން. އެއީ ކުޅުންތެރިން އޭނާއަށް ފަހަތަށް ޕާސްދޭން ނިންމި ނުބައި ނިންމުންތަކުގެ ސަބަބުން ދިމާވި ކަންތައްތަކެއް ބައެއް ފަހަރު އަހަރެމެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކީޕަރާ ހަމައަށް ފަހަތަށް ކުޅޭ"މަރެސްކާ ބުންޏެވެ.

މަރެސްކާ އިތުރަށް ބުނީ އެހެން އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ކީޕަރަށް ޕާސް ކުރެވިދާނެ ނަމަވެސް، ކުޅުންތެރިން އަބަދުވެސް ޖެހޭނީ ކުރިއަށް ކުޅެވޭނެ އެހެން މަގެއް ހޯދަން މަސައްކަތް ކުރަން ކަމަށެވެ.

މީގެ އިތުރުން، ޕްރިމިއާ ލީގުގައި އެންމެ ފަހުން ކޮވެންޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮނަރުއްމާ ދެއްކި ކުޅުމަށް މަރެސްކާ ވަނީ ތައުރީފުކޮށްފައެވެ. އެ މެޗުގައި އޭނާ މުހިންމު ސޭވްތަކެއް ކުރިކަން ފާހަގަކުރަމުން މަރެސްކާ ބުނީ، އެ މެޗުގައި ލަނޑެއް ވަންނަން ދިޔަ ހާލަތެއް މެދުވެރިވީ ކުސާ (އަބްދުލް ގާދިރު ހުސަނޯވް)ޖީޖިއޯއަށް ފަހަތަށް ޕާސްދިނުމުގައި ހެދި ގޯހަކުން ކަމަށެވެ. އެހެންކަމުން ޖީޖިއޯގެ ކުޅުމާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ތަރި އާލިންގް ހާލަންޑެވެ. މި ދެ ލަނޑާއެކު ހާލަންޑް ވަނީ ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ ކުން އަގުއޭރޯ ޗެމްޕިއަންސް ލީގުގައި އެ ކްލަބަށް ޖަހައިދިން 36ލަނޑުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ހާލަންޑް މުޅި މުބާރާތުގައި ޖެހި ގޯލުގެ އަދަދު މިހާރު ވަނީ 59އަށް އަރާފައެވެ. އޭނާ މި އަދަދު ހަމަކުރީ އެންމެ 59މެޗުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު