އިޓާލިއަން ލީގުގެ އައު ސީޒަނުގައި ފިއޮރެންޓީނާއިން ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ކޯޗު ފަބިއޯ ގްރޮސޯ މަގާމުން ދުރުކުރުމަށް ފަހު، އެ ކުލަބުގެ ހެޑް ކޯޗުގެ ޒިންމާތަކާ ޕައޮލޯ ވަނޯލީ މިއަދު އަލުން ހަވާލުވެއްޖެއެވެ.
ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގްރޮސޯއަށް ކޯޗުކަން ގެއްލުނީ، ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލުގެ އެންމެ ފުލަށް ޓީމު ސޮއްސާލުމާ ގުޅިގެންނެވެ. މި މެޗުތަކުގައި ފިއޮރެންޓީނާގެ ކޮޅަށް ނުވަ ލަނޑު ވަދެފައިވާއިރު، އެ ޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.
މިއީ ފިއޮރެންޓީނާގެ ކޯޗުކަމާ ވަނޯލީ ހަވާލުވި ދެވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ސްޓެފާނޯ ޕިއޯލީގެ އިރުޝާދުގެ ދަށުން ވިދިވިދިގެން 10މެޗުން މޮޅެއް ނުލިބި އޮއްވައި، ނޮވެމްބަރު މަހުގެ ތެރޭގައި ޓީމާ ހަވާލުވެ އޭނާ ވަނީ ރެލިގޭޝަނުން ފިއޮރެންޓީނާ ސަލާމަތްކޮށްދީފައެވެ. އެ ފަހަރު ލީގުގެ 15ވަނައިގައި ޓީމު އޮވެ ސީޒަން ނިންމާލިއިރު، ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލަށް ވެސް ޓީމު ގެންދިޔައެވެ. އެ މުބާރާތުން ފިއޮރެންޓީނާ ކެޓީ ޗެމްޕިއަންކަން ހޯދި ކްރިސްޓަލް ޕެލަސް އަތުން ބަލިވެގެންނެވެ.
ކުލަބުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، ފުރަތަމަ ޓީމުގެ އައު ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި ވަނޯލީ ހަމަޖައްސާފައިވާ ކަމަށާއި، މި ދަނޑިވަޅުގައި އޭނާ ދިން އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.
ވަނޯލީގެ ބެލުމުގެ ދަށުން ފިއޮރެންޓީނާ ނުކުންނަ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ އަލަށް ޕްރޮމޯޓްވި ވެނެޒިއާއާއެވެ. ވެނެޒިއާ އަކީ ވެސް މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ޓީމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.