ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފެށުން ގޯސްވުމުން ފިއޮރެންޓީނާގެ ކޯޗުކަމުން ގްރޮސޯ ދުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އިޓާލިއަން ލީގުގެ އައު ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެ ތާވަލުގެ އެންމެ ފުލަށް ވެއްޓުމާ ގުޅިގެން، ފިއޮރެންޓީނާގެ ކޯޗުގެ މަގާމުގައި ހުރި ފަބިއޯ ގްރޮސޯ އެ މަގާމުން ވަކިކޮށްފައިވާކަން އެ ކުލަބުން މިއަދު އިއުލާނުކޮށްފިއެވެ.

ނިމިދިޔަ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޓޮރީނޯ އަތުން 2-1އިން ފިއޮރެންޓީނާ ބަލިވިއިރު، އޭގެ ކުރިން އޭއެސް ރޯމާ އަތުން 4-0އިން އަދި އަލަށް ފުރަތަމަ ޑިވިޝަނަށް އެރި ފްރޮސިނޯނޭ އަތުން 3-0އިން އެ ޓީމު ވަނީ ބަލިވެފައެވެ. މި މެޗުތަކުގައި ފިއޮރެންޓީނާގެ ކޮޅަށް ނުވަ ލަނޑު ވަދެފައިވާއިރު، އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. ލީގުގައި އެ ޓީމަށް ދެން އޮތީ ހުކުރު ދުވަހުގެރޭ ރަށުން ބޭރުގައި ވެނީޒިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

އުމުރުން 48އަހަރުގެ އިޓަލީގެ ކުރީގެ ޑިފެންޑަރު ގްރޮސޯ، ފިއޮރެންޓީނާގެ ކޯޗުކަމާ ހަވާލުވީ ޕައޮލޯ ވަނޯލީގެ ބަދަލުގައި މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. އެހެންކަމުން، އޭނާއަށް އެ މަގާމުގައި ދެމިހުރެވުނީ ތިން މަސްދުވަހަށް ވުރެ ވެސް ކުރު މުއްދަތަކަށެވެ. މީގެ ކުރިން ވަނޯލީ އެ ޓީމާ ހަވާލުވީ، ފާއިތުވި ސީޒަނުގެ ފުރަތަމަ 10މެޗުން މޮޅެއް ނުލިބިގެން ސްޓެފާނޯ ޕިއޯލީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ވަނޯލީ ވަނީ އެ ސީޒަނުގައި ފިއޮރެންޓީނާ ލީގުގެ 15ވަނައިގައި ހިފަހައްޓައިދީފައެވެ.

ފްރާންސާ ދެކޮޅަށް ކުޅުނު 2006ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި މޮޅުވި ޕެނަލްޓީ ޖަހައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ގްރޮސޯ ވަނީ މީގެ ކުރިން ގިނަ ކުލަބުތަކަކަށް އިރުޝާދުދީފައެވެ. އޭގެ ތެރޭގައި ސަސުއޯލޯ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ ލީގުގެ މެދުތެރޭގައި އެ ޓީމު ބާއްވައިދިނުމުގެ އިތުރުން، އޮލިމްޕިކް ލިޔޯން، ފްރޮސިނޯނޭ، ސިއޯން، ބްރެޝިއާ، ހެލަސް ވެރޯނާ އަދި ބާރީ ފަދަ ޓީމުތަކަށް އޭނާ ކޯޗުކޮށްދީފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު