ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޕެއިންގެ ލީގަށް ވުރެ ބާސެލޯނާގެ ފެންވަރު މާ މަތިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް "މާކާ"އިން ބުނި ގޮތުގައި، މި ސީޒަނުގައި ބާސެލޯނާއިން ދައްކަމުންދާ މޮޅު ކުޅުމަށް ބަލާއިރު، އެ ޓީމުގެ ފެންވަރަށް ވުރެ "ލަލީގާ މާ ކުޑަ"އެވެ.

މެޑްރިޑްގައި މައި އޮފީސް ހުންނަ އެ ނޫހުގެ އެނަލިސިސްގައި މިހެން ބުނެފައި ވަނީ، ލީގުގައި ރޭ ވެލެންސިއާ އަތުން 5-0އިން ބާސާ މޮޅުވި މެޗަށް ފަހުއެވެ. މިއީ ކޯޗު ހެންސީ ޑިއެޓާ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސާއިން މި ސީޒަނުގެ ލީގުގައި ފަސް ލަނޑު ޖަހައިގެން މޮޅުވި ތިންވަނަ މެޗެވެ.

ވެލެންސިއާގެ މަސްޓެޔާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ގޯލު ޖެހި ލަމީން ޔަމާލްގެ އިތުރުން ފޯމިން ލޯޕޭޒާއި، ކެޕްޓަން ރަފީނިއާ އަދި ޕެޑްރީއެވެ. ވެލެންސިއާއިން ފަސް ޑިފެންޑަރުންނާއި، ހަތަރު މިޑްފީލްޑަރުން އަދި އެއް ފޯވާޑް ހިމަނައިގެން ބާސާގެ އެޓޭކްތައް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ފްލިކްގެ ޓީމުގެ ކުޅުން ހުއްޓުވޭ ގޮތެއް ނުވިއެވެ.

މި މެޗަކީ ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވާން ވާހަކަދެއްކުމަށް ފަހު، ފަހު ވަގުތު ބާސާ އިހްތިޔާރު ކުރި ސްޕެއިންގެ ކެޕްޓަން ރޮޑްރީ ހެންނާޑޭޒް އެ ޓީމުގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މިޑްފީލްޑްގައި އޭނާއާއެކު ދެން ކުޅުނީ ގައުމީ ޓީމުގައި ވެސް އޭނާގެ ބައިވެރިޔާ ޕެޑްރީއެވެ. ބާސާއިން އެންމެ ގެންނަން ބޭނުންވި ސެންޓްރަލް ސްޓްރައިކަރު ހޫލިއަން އަލްވަރޭޒް ވިއްކާލަން އެތުލެޓިކޯ މެޑްރިޑުން ދެކޮޅު ހެދި ނަމަވެސް، އެކަމުގެ ސަބަބުން ބާސާގެ އެޓޭކަށް އެއްވެސް ބަދަލެއް ނައިސް، ފުރަތަމަ ހަތަރު މެޗުން އެ ޓީމުން ވަނީ 17ލަނޑު ޖަހާފައެވެ.

މާލީ ގޮތުން ބޮޑު އަޑިގަނޑެއްގައި އޮތް ނަމަވެސް، ވޭތުވެދިޔަ ދެ ސީޒަނުގެ ލަލީގާ ޗެމްޕިއަންކަން ހޯދީ ބާސާއިންނެވެ. ނަމަވެސް "މާކާ"ގެ ލިޔުންތެރިޔާ ފެނާންޑޯ ކާރްނެރޭރޯ ފާހަގަކުރި ގޮތުގައި، ބާސާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މީގެ 11އަހަރު ކުރިން އެންމެ ފަހުން ހޯދި ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކުރުމެވެ.

ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމުނުއިރު، ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ޑެޕޯޓީވޯ އަލަވޭސްއަށް ވުރެ ދެ ޕޮއިންޓް ކުރީގައެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑް އޮތީ ބާސާއަށް ވުރެ ތިން ޕޮއިންޓް ފަހަތުން ތާވަލުގެ ތިންވަނައިގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު