ދިވެހިރާއްޖޭގެ ވޮލީބޯޅައިގައި ކުލަބް ވެމްކޯއިން ހޯދަމުންދާ ވިދިވިދިގެން އަންނަ ކާމިޔާބީތަކުގެ އެންމެ ބޮޑު ސިއްރަކީ ކުޅުންތެރިންގެ މެދުގައި އޮންނަ އާއިލާއެއް ފަދަ ބަދަހި ގުޅުންކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކޯޗު އަހުމަދު އަދީލް (ބޭބެ)ހާމަކޮށްފިއެވެ.
އެސޯސިއޭޝަން ކަޕުގެ ފައިނަލަށް ވިދިވިދިގެން ހަވަނަ ފަހަރަށް ވެމްކޯ ދަތުރުކޮށްފައިވާއިރު، އެ ޓީމުގެ އަމާޒަކީ މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް މިލްކުކުރުމެވެ. މި ފަހަރުގެ ފައިނަލުން އެ ޓީމަށް ޖާގަ ކަށަވަރުވީ ސެމީ ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ބަލިކުރުމަށް ފަހުގައެވެ. ފާއިތުވި ފަސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ވެމްކޯއިންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ކޯޗު އަދީލް ފާހަގަކުރިގޮތުގައި، ފާއިތުވި ދުވަސްތަކުގައި އެ ކުލަބުން ހޯދި ބޮޑެތި ކާމިޔާބީތަކުގެ އަސްލަކީ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުރާ ބުރަ މަސައްކަތެވެ. ކުޅުންތެރިންނާއި މެނޭޖްމަންޓް ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އިދިކޮޅު ޓީމުތަކާ ވެމްކޯއާ ދެމެދު އޮންނަ އެންމެ ބޮޑު ތަފާތުކަމަށް އޭނާ ސިފަކުރިއެވެ. މީގެ ކުރިން ވެސް އަދީލްގެ އިރުޝާދުގެ ދަށުން ވެމްކޯ ވަނީ ވޮލީ ސީޒަނެއްގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ.
ފައިނަލް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަދީލް ބުނީ، ސެމީ ފައިނަލުގައި ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުން ނުފެނުނު ނަމަވެސް، ފައިނަލަށް ނުކުންނާނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. ފައިނަލުގައި ވާދަކުރާ އެމްޓީސީސީ އަކީ މުބާރާތަށް އައު ނަމަވެސް، އެ ޓީމުގައި ހިމެނޭ ބްރެޒިލްގެ ތަޖުރިބާކާރު ދެ ކުޅުންތެރިންނާއެކު އެއީ ވަރުގަދަ ބާރެއްކަން އޭނާ ގަބޫލުކުރެއެވެ.
އެހެންކަމުން މެޗަށް ފަރިތަކުރަން އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، ވެމްކޯގެ އަމާޒަކީ ޓީމްވޯކްގެ ބޭނުން ހިފައިގެން އެންމެން ގުޅިގެން މަސައްކަތްކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށް ކޯޗު ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.