އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންގެ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖެހި ލަނޑާއެކު 2-2އިން މެޗު އެއްވަރުކޮށް، އެވަޓަން އިން މުހިންމު ޕޮއިންޓެއް ކަށަވަރުކޮށްފިއެވެ.
މި މެޗުގައި ޔުނައިޓެޑް އަތުން ތިން ޕޮއިންޓް ގެއްލިގެން ދިޔައީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން އެންމެ ފަހު މިނިޓުގައި އެވަޓަންގެ މެއިޓްލޭންޑް ނައިލްސް ކާމިޔާބުކުރި ލަނޑާ ގުޅިގެންނެވެ. އޭގެ ދެތިން މިނިޓު ކުރިން، މެޗުގެ 88ވަނަ މިނިޓުގައި ލޫކް ޝޯ ނަގައިދިން ހުރަހަކުން ބެންޖަމިން ސެސްކޯ ބޮލުން ޖެހި ލަނޑާއެކު ޔުނައިޓެޑުން ވަނީ މެޗުން މޮޅުވުމާ ގާތަށް ގޮސްފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓު ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ. ނަމަވެސް މެޗުގެ 83ވަނަ މިނިޓުގައި ތައިރިގް ޖޯޖް ވަނީ އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައިވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން އެވަޓަން އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑްގެ ނަތީޖާތައް ހުރީ ދަށްކޮށެވެ. އެގޮތުން ޔުނައިޓެޑް މިހާތަނަށް އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފައިވާއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.