އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި، އެ ޓީމުގެ ހުނަރުވެރި ފޯވާޑް ބުކަޔޯ ސަކާގެ ފަރާތުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ފެންނާނެ ކަމަށް ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
ޓްރާންސްފާ ބާޒާރުގައި އާސެނަލަށް މަތީ ފެންވަރުގެ ފޯވާޑެއް ގެނެވިފައި ނުވުމުން، މި ސީޒަނުގައި ސަކާގެ ދައުރު ކުރިއަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ސީޒަނުގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސަކާގެ ކުޅުން ދަށްވި ނަމަވެސް، މިފަހަރު އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިނގިރޭސި ގައުމީ ޓީމާއެކު ސްކޮޑުގައި ހިމެނިގެން ދިޔަ ސަކާ ވަނީ، އެހެން ކުޅުންތެރިންނަށްވުރެ ކުރިން ޗުއްޓީ ކުރުކޮށްލުމަށް ފަހު ކްލަބާ ގުޅިފައެވެ. ވޯލްޑް ކަޕްގައި އޭނާއަށް ފުރަތަމަ 11އިން ފުރުސަތު ލިބުނީ ތިން މެޗުގައެވެ. ނަމަވެސް އެނބުރި އައިސް އާސެނަލްގެ ޕްރީ ސީޒަން ތަމްރީނުތަކުގައި އޭނާ ވަނީ ފުރިހަމައަށް ބައިވެރިވެފައެވެ.
ޕްރީ ސީޒަނުގައި އާސެނަލުން ކުޅުނު ތަމްރީނު މެޗުތަކުގައި ސަކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކޮވެންޓްރީ އާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ލަނޑު ޖެހިއެވެ. މިއީ 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ޖެހިޖެހިގެން ދެ މެޗުގައި އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ސަކާގެ ކިބައިން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކޯޗު އާޓެޓާ ބުނީ، އޭނާ އެންމެންނަށް ވުރެ ކުރިން ޓީމާ ގުޅެން ބޭނުންވުމަކީ ވަރަށް ރަނގަޅު ނިޝާނެއް ކަމަށެވެ.
"އަހަރެންނަށް އެކަން ވަގުތުން ފާހަގަކުރެވުނު. އޭނާ ބޭނުންވީ އެންމެންނަށްވުރެ ކުރިން ޓީމާ ގުޅެން. އެއީ ރަނގަޅު ނިޝާނެއް، އަދި ވިދިވިދިގެން ތައްޔާރުވި ގޮތް ވެސް ވަރަށް ފުރިހަމަ"އާޓެޓާ ބުންޏެވެ.
އާޓެޓާ އިތުރަށް ހާމަކުރި ގޮތުގައި ކުޅުންތެރިއެއްގެ ކެރިއަރުގައި ތަފާތު ކަންކަމާ ކުރިމަތިވާނެއެވެ. އަދި އާ ލެވަލަކަށް ދިއުމަށް ޓަކައި ހާއްސަ ހިތްވަރެއް ބޭނުންވާނެ ކަމަށާއި، ސަކާގެ ފަރާތުން މިހާރު ފެންނަމުންދަނީ އެފަދަ ރަނގަޅު ނިޝާންތަކެއް ކަމަށް އޭނާ ބުންޏެވެ.
ސަކާއާއި އާސެނަލްގެ ފެންވަރު ވަޒަންކޮށްލުމަށް ލިބޭނެ އެންމެ ބޮޑު އިމްތިހާނަކަށް ވާނީ މިއަދު ޗެލްސީއާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން އިރާކޮޅު 8:30ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.