މިދިޔަ މަހު ފްރާންސްގައި އޮލިމްޕިކް ލިޔޯނާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް މެޗަށްފަހު ހިންގި ހަމަނުޖެހުންތަކާއި ބޭއަދަބީ އަމަލުތަކުގެ ސަބަބުން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން ފެނަބާޗޭއަށް ކުޅެމުން އަންނަ މަޓެއޯ ގެންޑޫޒީ އަދި މޭސަން ގްރީންވުޑް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް މެޗުތަކަކަށް ސަސްޕެންޑްކޮށްފިއެވެ.
މި ދެ ކުޅުންތެރިންނަށް ޔުއެފާއިން ފިޔަވަޅު އަޅާފައިމިވަނީ، 2-1ގެ ނަތީޖާއަކުން ފެނަބާޗޭ ކާމިޔާބު ހޯދި މެޗު ނިމުމުން އިދިކޮޅު ޓީމުގެ ސަޕޯޓަރުންނާ ދިމާއަށް ހުތުރު އިޝާރާތްތަކެއް ކުރިކަމަށް ސާބިތުވުމާ ގުޅިގެންނެވެ. މީގެ އިތުރުން މެޗުގެ ކުޅުން ނިމުނު ވަގުތު ދަނޑުމަތީގައި ބޮޑެތި މާރާމާރީތަކެއް ހިނގާފައިވާއިރު، ފްރާންސަށް ނިސްބަތްވާ ގެންޑޫޒީ ވަނީ ދަނޑުން ފައިބަން ދިޔަ މަގުމަތީގައި ވެސް ހަމަނުޖެހުންތަކެއް ހިންގާފައެވެ.
މި މައްސަލަތައް ބެލުމަށް ފަހު ޔުއެފާއިން ނިންމީ، އަޚުލާގީ މިންގަނޑުން ބޭރުވެ ސަޕޯޓަރުންނާއި އިދިކޮޅު ކުޅުންތެރިންނަށް ގޯނާކުރި ގެންޑޫޒީ 50،000ޔޫރޯއިން ޖޫރިމަނާކޮށް ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށެވެ. ހަމައެއާ އެކު، އޭނާގެ އިނގިރޭސި ޓީމްމޭޓް ގްރީންވުޑްގެ މައްޗަށް 30،000ޔޫރޯގެ ޖޫރިމަނާއެއް އައިސްފައިވާއިރު، އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް، ގެންޑޫޒީގެ ހަތަރު މެޗުގެ ތެރެއިން ދެ މެޗު، އަދި ގްރީންވުޑްގެ އެއް މެޗުގެ ސަސްޕެންޝަން ވަނީ އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަކަށް ފަސްކޮށްދީފައެވެ.
މި ކުޅުންތެރިންގެ އިތުރުން، ދަނޑަށް ތަކެތި އުކުމާއި އަލިފާން ބޭނުންކުރުން ފަދަ ކަންކަމާ ހުރެ ދެ ކުލަބަށް ވެސް ޔުއެފާއިން ވަނީ އަދަބުދީފައެވެ. އޭގެ ތެރޭގައި ލިޔޯންގެ ގޯލްކީޕަރު ކޯޗު އެންޓޯނިއޯ ފެރެއިރާ ނުރައްކާތެރި ހަމަލާއެއް ދިނުމުން އޭނާ ފަސް މެޗަށް ސަސްޕެންޑްކުރުން ހިމެނެއެވެ. މި އަދަބުން ދެ މެޗު ވަނީ އެއް އަހަރުގެ ޕްރޮބޭޝަނަކަށް ފަސްކޮށްފައެވެ. ލިޔޯންގެ މައްޗަށް ދެ ލެގުން 3-2އިން ކުރިހޯދައިގެން ފެނަބާޗޭ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ މައި މުބާރާތަށް ޖާގަ ކަށަވަރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.