ރާއްޖޭގެ އެންމެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑެއް، މި މަހުގެ 19އިން ފެށިގެން އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ޓަކައި އެކުލަވާލައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް އިޝްފާން މުޙައްމަދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ފަހަރުގެ ގޭމްސްއަށް ފޮނުވާ ޓީމުގައި ހިމެނެނީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ ތަޖުރިބާކާރު އެތުލީޓުންނެވެ. އެގޮތުން ޤައުމީ ޓީމުގައި ހިމެނިފައިވަނީ، ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤްގެ އިތުރުން ޒަޔާން ޝަހީދު ޒަކީ އަދި އަހްމަދު ނިބާލްއެވެ.
މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިން މިވަގުތު ތިބީ މެލޭޝިއާގައެވެ. ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން މެލޭޝިއާގައި ކުރިއަށްގެންދާ ހައި ޕާފޯމަންސް ޓްރޭނިންގ ކޭމްޕެއްގައި މި ކުޅުންތެރިން ދަނީ އިތުރު ތަމްރީނުތައް ހަދަމުންނެވެ. ރިވައިވަލް އިން ބުނެފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ކުޅުންތެރިންނާއެކު މެޗުތައް ކުޅެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާ މި ކޭމްޕަކީ، އަންނަ އަހަރުގެ އައިއޯއައިޖީއަށް އަމާޒުކޮށްގެން ހިންގާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެކެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ކޭމްޕް ނިންމާލުމަށްފަހު، އެތުލީޓުން މާލެ އައުމަށް ހަމަޖެހިފައިވަނީ 9ވަނަ ދުވަހުއެވެ. އަދި އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޓަކައި ޓީމު ޖަޕާނަށް ފުރުމަށް ތާވަލުކުރެވިފައި ވަނީ 15ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.