ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އޭޝިއަން ގޭމްސްއިން ފަހިވާނީ އަގުހުރި ފުރުސަތުތަކެއް"

ޝެއާ ކުރޭ Facebook Telegram Viber X

މި މަހު ޖަޕާނުގައި ބޭއްވުމަށް ނިންމާފައިވާ އޭޝިއަން ގޭމްސްގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ލިބުމަކީ ދިވެހި ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުރިމަގަށް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއެއްކަމަށް އެ ޓީމުގެ އިސް ކުޅުންތެރިޔާ މޫސާ މުންސިފް އަޙުމަދު ހާމަކޮށްފިއެވެ. 

މާލޭގެ ޓީޓީ ހޯލުގައި ފަރިތަކުރުންތައް ކުރިއަށްދަނިކޮށް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން މުންސިފް ފާހަގަކުރި ގޮތުގައި، ޓޭބަލް ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ގިނަ ކުޅުންތެރިންނަކީ އޭޝިއާ ބައްރަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެހެންކަމުން، މި މުބާރާތަކީ ފެންވަރު ރަނގަޅު ވަރުގަދަ ވާދަވެރިކަމެއް ފެނިގެންދާނެ މުބާރާތެއްކަމަށާއި، މިފަދަ ބޮޑު ޕްލެޓްފޯމެއްގައި ތަފާތު ފެންވަރުގެ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ޤައުމީ ޓީމުން ކަނޑައަޅާފައިވާ މެޑަލްގެ އަމާޒުތަކަށް ވާސިލުވުމަށް ކޮށޭނެ މުހިންމު މަގެއްކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން މުންސިފް ބުނީ ޓީމުގެ އެންމެ ބޮޑު އުންމީދަކީ ވީހާ ވެސް ގިނަ މެޗުތަކެއް ކުޅެ، ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

އިންޑިއާގެ ދިއްލީގައި ދާދިފަހުން ނިމިގެންދިޔަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައިވެސް ދިވެހި ޤައުމީ ޓީމުން ވަނީ ވިދާލާފައެވެ. އެ މުބާރާތުގައި އަންހެން ޓީމުން ހަތްވަނަ ހޯދިއިރު، ފިރިހެން ޓީމުން ވަނީ އަށްވަނަ މަޤާމު ކަށަވަރުކޮށް، ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ހޯދާފައެވެ. ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި އޭޝިއަން ގޭމްސް ކުރިއަށްދާނީ މި މަހުގެ 19އިން އަންނަ މަހުގެ 4ގެ ނިޔަލަށެވެ.

ޖުލައި މަހުގެ ފަހުކޮޅު ޓީމާ ހަވާލުވި ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު އޮމިނިޔި އަޑެޑޮޓުންގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ ޤައުމީ ޓީމު، މުބާރާތުގައި ވާދަކުރުމަށް ފުރާނީ މި މަހުގެ 15ވަނަ ދުވަހުއެވެ. މި ފަހަރުގެ ޤައުމީ ފިރިހެން ސްކޮޑުގައި ހިމެނެނީ މުންސިފްގެ އިތުރުން މުޙައްމަދު ޝައްފާން އިސްމާޢީލް، އަޚްޔާރް އަހްމަދު ޚާލިދް އަދި މުޙައްމަދު ޚަލަފް ރާފިޢުއެވެ. އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ ޢަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު