ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުރާ އަދި ޕޮލިސް ސެމީއަށް

ޝެއާ ކުރޭ Facebook Telegram Viber X

ބުރާސްފަތި ދުވަހު ކުޅުނު ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް، ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.

މި މުބާރާތުގެ ޕޫލް އޭގައި ހިމެނޭ ހުރާ ކޮމިއުނިޓީ ކުލަބުން ސެމީގެ ޖާގައެއް ހޯދީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 3-1ސެޓުން ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25–23، 25–18، 22–25އަދި 25–17އިންނެވެ. 

އަނެއްކޮޅުން، ޕޮލިސް ކުލަބުން ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފައެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ހޯދީ 25–23، 25–11އަދި 25–14ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު، ޕޫލް އޭއިން ސިޓީ ފްރެންޑްސްއާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނަ ލިބުނީ ސިޓީ ފްރެންޑްސް އަށެވެ.

މުބާރާތުގެ ޕޫލް ބީގެ ފަހު މެޗުތައް ހުކުރު ދުވަހު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން ހަވީރު 16:15ގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ނުކުންނާނީ ރާއްޖެ ވޮލީ ކުލަބާ ދެކޮޅަށެވެ. އަދި ރޭގަނޑު 20:30ގައި ކްލަބް އެމްޓީސީސީއާއި ޖީޖީ ސްޕޯޓްސް އެކަޑަމީގެ ކުރިމަތިލުމެއް އޮންނާނެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބާއްވާ މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ. އޮންލައިންކޮށް މެޗު ބެލުމަށް 25ރުފިޔާގެ ފީއެއް ކަނޑައަޅާފައިވާއިރު، ސޯޝަލް ސެންޓަރުގެ އެތެރެއަށް ވަދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް މެޗު ފެށުމުގެ އެއް ގަޑިއިރު ކުރިން 30ރުފިޔާއަށް ޓިކެޓު ވިއްކަން ފަށާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު