ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓައިގާ ވުޑްސްގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ފްލޮރިޑާގައި މަސްތުގެ ހާލަތުގައި އުޅަނދު ދުއްވިކަމަށް އިއުތިރާފުވުމުން، ދުނިޔޭގެ އެންމެ މޮޅު އެއް ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްގެ ލައިސަންސް މާޓިން ކައުންޓީ ކޯޓުން ފަސް އަހަރު ދުވަހަށް ހިފަހައްޓައި، ޖަލަށް ދާން ނުޖެހޭގޮތަށް މައްސަލަ ނިންމައިފިއެވެ.

ކޯޓުގައި އޮތް އަޑުއެހުމުގައި ފަނޑިޔާރު ޑަރެން ސްޓީލް ވަނީ ފަރުވާކުޑަކޮށް އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ކުށުގައި ވުޑްސް 1،500އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށްފަހު، މި ފަސް އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ކާރު ދުއްވައިފި ނަމަ ވަގުތުން ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ. ދައުވާތަކަށް އޭނާ އިއުތިރާފުވުމާއެކު، އުމުރުން 50އަހަރުގެ ކުޅުންތެރިޔާގެ މައްޗަށް އޮތް ސީރިއަސް ދައުވާތައް ވަނީ އުވާލާފައެވެ. 

މިދިޔަ މާޗު މަހު ވުޑްސް ހައްޔަރުކުރެވުނީ އޭނާ ދުއްވި ކާރު ގޮސް ލޮރީއެއްގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. ފޯނަށް ބަލަން އިނުމުގެ ސަބަބުން ހިނގި މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، ފުލުހުންގެ ރިޕޯޓުތަކުން ހާމަވާގޮތުގައި އެވަގުތު ވުޑްސް އިންތިހާއަށް ވަރުބަލިވެ ދާހިއްލައި، ލޯ ރަތްވެ އަދި ކަޅި ބޮޑުވެފައިވުމުގެ އިތުރުން އޭނާގެ ޖީބުން ބޭސް ގުޅަތަކެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ސްޓޭޓް އެޓަރނީ ތޯމަސް ބަކެޑާލް ފާހަގަކުރެއްވި ގޮތުގައި، ވުޑްސް ބޭނުންކުރި ބޭހުގެ ސަބަބުން އޭނާ ހުރީ މަސްތުވެފައިކަން ޔަގީންކުރަން ގާނޫނީ ގޮންޖެހުންތަކެއް ހުއްޓެވެ. އަދި އޭނާއަށް ލުއިތަކެއް ދިނީ މަޝްހޫރު މީހަކަށް ވުމުންކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ. ކޯޓަށް ވުޑްސް ހާޒިރުވީ އޭނާގެ ލޯބިވެރިޔާ ވެނެސާ ޓްރަމްޕާއެކުގައެވެ. ނަމަވެސް ނޫސްވެރިންނާ އޭނާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ވުޑްސްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރަން 30ދުވަހުގެ ފުރުސަތެއް ދީފައިވާއިރު، ފަނޑިޔާރު ވަނީ އޭނާގެ ބޭސްފަރުވާއަށް ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދެއްވާފައެވެ. ސިއްހަތަށް ސަމާލުކަން ދިނުމުގެ ގޮތުން ކުޅިވަރުން ވަގުތީގޮތުން ދުރަށް ގޮސްފައިވާ ވުޑްސްއަކީ 15މޭޖަރ މުބާރާތާއި 82ޕީޖީއޭ ޓުއާ ކާމިޔާބުކޮށް، ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ރިކޯޑު މިންވަރަކަށް (683ހަފުތާ)ހޭދަކޮށްފައިވާ ތާރީޚީ ޝަޚުސިއްޔަތެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު