ޖަޕާނުގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ބީޗް ވޮލީބޯޅަ ޕެއާ، މުބާރާތަށް އިތުރަށް ފަރިތަކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޤުޞަދުގައި ބޫޓާނަށް ގޮސް ޚާއްޞަ ޓްރެއިނިންގ ކޭމްޕެއް ފަށައިފިއެވެ.
އާމިނަތު އަރީޝާ އަދި ފާތިމަތު އަނާލްގެ މައްޗަށް އެކުލެވޭ މި ޕެއާއިން ބޫޓާނުގައި ފުރިހަމަކުރާ ތަމްރީނުތަކުގެ ތެރޭގައި، ޓީމަށް ބޭނުންވާ ގިނަ ފަރިތަކުރުންތަކަކާއި މެޗުތަކެއް ކުޅުމަށް ވަނީ ރާވާފައެވެ. މި ކޭމްޕު ނިންމާލުމަށްފަހު، މި މަހުގެ 7ވަނަ ދުވަހު އެތުލީޓުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރުމަށް ޤައުމީ ޓީމުތައް ޖަޕާނަށް ފުރުމަށް ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.
އައިޗީ-ނަގޯޔާ 2026އަށް އަމާޒުކޮށްގެންވެސް ޤައުމީ ބީޗް ވޮލީ ޓީމުން އަންނަނީ މެދުކެނޑުމެއް ނެތި ފޯރިއާ އެކު ތަމްރީނުތައް ކުރިއަށްގެންދަމުންނެވެ. މި މަސައްކަތުގައި އަންހެން ޓީމަށް އިރުޝާދުދެނީ ކޯޗު އާއިޝަތު އުލްފަތުއެވެ. އަދި ފިރިހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ މުޙައްމަދު ރިޝްވާންއެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން އަދި ފިރިހެން ޕެއާއަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިންތަކެކެވެ. އަންހެން ޕެއާގައި ހިމެނޭ އަރީޝާއަކީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަނެވެ. އަދި މި ޕެއާއިން ވަނީ ޗައިނާގައި ބޭއްވި ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ސީރިއާ ބަލިކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ.
ހަމައެއާ އެކު، ފިރިހެން ޕެއާގައި ހިމެނޭ އިސްމާޢީލް ސާޖިދު ވަނީ ޤައުމީ މުބާރާތުގެ ތަށި ހަތް ފަހަރު އުފުލާލާފައެވެ. އަދި އޭނާގެ ޕާޓްނަރު އާދަމް ނަސީމް ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، މި ޕެއާއިން ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކޮށް، އޭގެ ކުރީ އަހަރު މުބާރާތުގެ އެއްވަނަ މަޤާމު ޙާޞިލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.