ޗެމްޕިއަންސް ލީގާއި ކަރަބާއޯ ކަޕުގެ މެޗުތަކެއް އެއް ދުވަހަކާ ދިމާވެ، ފިކްސްޗަރުތަކަށް ބަދަލުގެންނަން ޖެހުމުގެ ސަބަބުން، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ޔުއެފާއާ މެދު އިނގިރޭސި ފުޓްބޯޅަ ލީގު (އީއެފްއެލް)އިން އިންތިހާއަށް ނުރުހުން ފާޅުކޮށް ވަރުގަދަ ބަޔާނެއް ނެރެފިއެވެ.
މި މައްސަލަ އުފެދުނީ، މި މަހުގެ 9ވަނަ ދުވަހު އެވަޓަންގެ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖައްސާފައި ވަނިކޮށް، ހަމަ އެރޭ ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާ މެޗު ޔުއެފާއިން ތާވަލުކުރުމާ ގުޅިގެންނެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނަށް ކުރިމަތިވާނެ ގޮންޖެހުންތަކާ ހުރެ، އެއްރެއެއްގައި އެވަޓަން އަދި ލިވަޕޫލްގެ ދަނޑުގައި އެއްފަހަރާ މެޗުތައް ކުރިއަކަށް ނުގެންދެވޭނެއެވެ.
އީއެފްއެލް އިން ހާމަކުރި ގޮތުގައި، ކަރަބާއޯ ކަޕްގެ މެޗުތައް ތާވަލުކުރީ ކަމާބެހޭ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް، ލިވަޕޫލް ސިޓީގެ ދެ ކުލަބަށް އެއްރެއަކު މެޗު ނުހޯސްޓުކުރެވޭނެކަން އެނގި ތިބެ، ޔުއެފާއިން ފަހުން ވަނީ ޗެމްޕިއަންސް ލީގުގެ މެޗު ހަމަ އެ ތާރީޚަށް ފައްތާފައެވެ. މިކަމަށް ހައްލެއް ހޯދުމަށް އީއެފްއެލް އިން ޔުއެފާއާ އެކު ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، ރަށުން ބޭރުން އަންނަ ސަޕޯޓަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބުނެ ޔުއެފާއިން ވަނީ މެޗު ފަސްކުރަން ދެކޮޅުހަދާފައެވެ.
މިއާއެކު، އެވަޓަން އާއި ވުލްވްސް ބައްދަލުކުރާ މެޗު މިހާރު ވަނީ މި މަހުގެ 16ވަނަ ދުވަހަށް ފަސްކުރަން މަޖުބޫރުވެފައެވެ. މީގެ ސަބަބުން، ކުރިން އެ ތާރީޚުގައި ކުޅުމަށް ރާވާފައި އޮތް ލިވަޕޫލާއި ޓޮޓެންހަމްގެ ލީގު ކަޕް މެޗުވެސް ވަނީ އެއް ދުވަސް ކުރިއަށް، އާދެ 15ވަނަ ދުވަހަށް ބަދަލުކުރަން ޖެހިފައެވެ.
ޑޮމެސްޓިކް ލީގުތަކުގެ ޙާލަތަށް ރިއާޔަތްކުރުމެއް ނެތި ޔުއެފާއިން މުބާރާތްތައް ފުޅާކުރަމުންދާކަން ފާހަގަކޮށް، އީއެފްއެލް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޔުއެފާގެ ފަރާތުން އެއްބާރުލުން ނުލިބުމަކީ ކުލަބުތަކުގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ބުނެ، މިކަމުގެ ސަބަބުން އަސަރުކުރި ފަސް ކުލަބުގެ ސަޕޯޓަރުންގެ ކިބައިން އީއެފްއެލްއިން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.