ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމު އިއުލާންކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ އައިޗީ-ނަގޯޔާގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ 20ވަނަ އޭޝިއަން ގޭމްސްގެ ތާރީޚީ ސާފިން އިވެންޓުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި ހަތަރު އެތުލީޓުންގެ މައްޗަށް އެކުލެވޭ ގައުމީ ސާފިން ޓީމު ރަސްމީކޮށް އިއުލާނުކޮށްފިއެވެ. 

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި އަލަށް ތައާރަފުކުރާ ރާޅާއެރުމުގެ ކުޅިވަރުގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ ފިރިހެން ދެ އެތުލީޓުންނާއި އަންހެން ދެ އެތުލީޓުންނެވެ. އެއީ ކަޔާން ޢަބްދުﷲ ޢަރީފް (ކައިޕުޓީ)އާއި ޔާސިން އަޙްމަދު ނާޝިދުގެ އިތުރުން މަރިޔަމް ރާހިލް ނަސީމް (އާޔާ)އަދި އާމިނަތު ތާނީސް ޝިރަންއެވެ. 

މި ފަހަރުގެ ގޭމްސްއިން ރާއްޖެއަށް ޖުމްލަ ހަތަރު ޖާގަ ލިބިފައިވަނީ ދެ މުބާރާތަކުން ހޯދި ކާމިޔާބީތަކަށް ބިނާކޮށެވެ. އެގޮތުން، ފުރަތަމަ ދެ ޖާގަ ކަށަވަރުވީ ކ. ތުލުސްދޫގައި މިއަހަރު ބޭއްވުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕުންނެވެ. އަދި ބާކީ ދެ ޖާގަ ހާސިލުކުރީ އޭގެ ކުރިން އިންޑިއާގެ ޓެމިލްނާޑޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ސެޕްޓެމްބަރު 19އިން އޮކްޓޫބަރު 4އަށް ކުރިއަށްދާ މި ބޮޑު މުބާރާތުގެ ކުޅިވަރުތައް އައިޗީގެ 24ސްޓޭޑިއަމަކާއި ނަގޯޔާގެ 15ސްޓޭޑިއަމެއް ހިމެނޭހެން 39ތަނެއްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއާގެ 45ގައުމަކުން ވާދަކުރާ މި ގޭމްސްގައި ރާޅާއެރުމުގެ އިތުރުން ފެތުމާއި، އެތުލެޓިކްސް އާއި، ބެޑްމިންޓަންގެ އިތުރުން ޓޭބަލް ޓެނިސް، ބީޗް ވޮލީ އަދި ޝޫޓިންގައި ރާއްޖެއިން ބައިވެރިވާނެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން މައުލޫމާތުދޭ ގޮތުގައި 81މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ކޮންޓިންޖެންޓަށް އިސްކޮށް ހުންނަވާނީ، އެމްއޯސީގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ނާސިފެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު