ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަލަސްތީން އަތުން ރާއްޖޭގެ ބާސްކެޓް ޓީމު ބަލިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ 2029ވަނަ އަހަރުގެ ފީބާ އޭޝިއާ ކަޕްގެ ޕްރީ-ކޮލިފައިން މުބާރާތުގައި މިއަދު ކުޅުނު މެޗުގައި، ފަލަސްތީނާ ވާދަކޮށް ތަފާތު ބޮޑުކޮށް ރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ކަޒަކިސްތާނުގެ އަލްމަޓީ ސިޓީގެ ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައި ކުޅުނު މި މެޗު ފަލަސްތީނުގެ ޓީމުން ކާމިޔާބުކުރީ 168-78ޕޮއިންޓުގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެއަށް ކުރިމަތިވި ވިދިވިދިގެން ތިންވަނަ ނާކާމިޔާބީއެވެ. 

މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން 107-65އިން ބަލިވިއިރު، ދެވަނަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ކަޒަކިސްތާނު އަތުން ރާއްޖެ ބަލިވީ 114-43އިންނެވެ. 

ޖުމްލަ 18ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ފަލަސްތީނާއި، ކަޒަކިސްތާނާއި، ލަންކާގެ އިތުރުން ކިރްގިޒްސްތާނެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޕްރީ-ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހުގެ މެޗުގައި ނުކުންނާނީ ކިރްގިޒްސްތާނާ ދެކޮޅަށެވެ.

މި ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް މެއިން ކޮލިފައިންއަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި އެ ބުރުން އެންމެ ކުރި ހޯދާ 16 ޤައުމަކަށް 2029ގެ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު