ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސިޑްނީ މެރަތަންގެ އައު ރިކޯޑަކާ އެކު ގޮބޭނާއަށް އެއްވަނަ

ޝެއާ ކުރޭ Facebook Telegram Viber X

އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދިޔަ ސިޑްނީ މެރަތަންގައި މީގެ ކުރިން ހަދާފައިވާ ރިކޯޑު މުގުރާލުމަށް ފަހު، ފިރިހެނުންގެ ދުވުމުގެ އެއްވަނަ މަގާމު އިތިއޯޕިއާގެ އުމުރުން 21އަހަރުގެ ދުވުންތެރިޔާ އަޑީސޫ ގޮބޭނާ ކާމިޔާބުކޮށްފިއެވެ.

މި ރޭސް ގޮބޭނާ ނިންމާފައި ވަނީ 2ގަޑިއިރާއި 4މިނެޓު 42ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު އިތިއޯޕިއާގެ ހައިލެމަރްޔަމް ކިރޯސް 2ގަޑިއިރާއި 6މިނެޓު 6ސިކުންތުން ހަދާފައިވާ ރިކޯޑަށް ވުރެ އެއް މިނެޓާއި 24ސިކުންތު އަވަސް ވަގުތެކެވެ. މި އަހަރުގެ ރޭހުގެ ދެވަނައާއި ތިންވަނަ ހޯދި އެތުލީޓުން ވެސް ވަނީ ކުރީގެ ރިކޯޑަށް ވުރެ އަވަހަށް ރޭސް ނިންމައިފައެވެ. ދެވަނައަށް ދިޔަ އިތިއޯޕިއާގެ ޗިމްޑޭސާ ޑެބެލޭ 2ގަޑިއިރާއި 4މިނެޓު 46ސިކުންތުން ރޭސް ނިންމިއިރު، ތިންވަނަ ހޯދި ލެސޯތޯގެ ޓެބެލޯ ތަމަކޮންގޯނާ ރޭސް ނިންމީ 2ގަޑިއިރާއި 4މިނެޓު 57ސިކުންތުންނެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ، ކެންޔާއަށް ނިސްބަތްވާ ކުރީގެ އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ޕެރޭސް ޖެޕްޗިރުޗަރއެވެ. ބޮސްޓަން، ނިއުޔޯކް އަދި ލަންޑަން މެރަތަން ވެސް މީގެ ކުރިން ކާމިޔާބުކޮށްފައިވާ ޖެޕްޗިރުޗަރ ރޭސް ނިންމީ 2ގަޑިއިރާއި 18މިނެޓު 31ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު ސިފާން ހަސަން ހަދާފައިވާ އަންހެނުންގެ ރިކޯޑަށް ވުރެ އެންމެ 9ސިކުންތު ލަސް ވަގުތެކެވެ. އަންހެނުންގެ ރޭހުގެ ދެވަނަ ކެންޔާގެ އައިރީން ޗެޕްޓައި (2ގަޑި 22މިނެޓު 11ސިކުންތު)އަށް ލިބުނުއިރު، ތިންވަނަ ހޯދީ އިތިއޯޕިއާގެ ޝޫރޭ ޑެމީސް (2ގަޑި 22މިނެޓު 33ސިކުންތު)އެވެ.

މި ފަހަރުގެ ކާމިޔާބީއަކީ ވޯލްޑް މެރަތަން މޭޖަރއެއްގައި ގޮބޭނާ ހޯދި ފުރަތަމަ ރަން މެޑައްޔެވެ. ކުރިން ޖެވެލިން އުކުމުގެ ކުޅިވަރުގައި އުޅުނު ގޮބޭނާ ބުނި ގޮތުގައި، މިދިޔަ އަހަރުގެ މުބާރާތުން ދެވަނަ ލިބުމުން ހެދުނު ގޯސްތައް ދެނެގަނެ، އެ ކަންކަން އިސްލާހުކުރުމަކީ މިފަހަރުގެ އެއްވަނަ ލިބުމުގެ މައިގަނޑު ސަބަބެވެ. ގޮބޭނާއަށް އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ސަމާލުކަމެއް ލިބުނީ މިއަހަރު ބޭއްވި ދުބާއީ މެރަތަން ކާމިޔާބުކުރުމާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 40،000އެތުލީޓުންނާ އެކު ކުރިއަށްދިޔަ ސިޑްނީ މެރަތަންއަކީ 42.19ކިލޯމީޓަރުގެ ދިގު ރާސްތާއެކެވެ. މި ރޭސް ފެށީ ސިޑްނީގެ އުތުރުންނެވެ. އަދި ނިންމާފައިވަނީ ހާބަރ ބްރިޖު ހުރަސްކޮށް ސިޑްނީ އޮޕެރާ ހައުސްގެ ކުރިމައްޗަށެވެ. މިއީ ވޯލްޑް މެރަތަން މޭޖަރގައި ހިމެނޭ ހަތްވަނަ ރޭހެވެ. މީގެ އިތުރުން މޭޖަރސްގައި ހިމެނެނީ ޓޯކްޔޯ، ބޮސްޓަން، ލަންޑަން، ބަރލިން، ޝިކާގޯ އަދި ނިއުޔޯކް މެރަތަންއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު