އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)ގައި އަމިއްލަ ދަނޑުގައި މޮންޓްރިއަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ހަތަރު ލަނޑާއެކު، 7-1ގެ ތާރީޚީ ނަތީޖާއަކުން އިންޓަރ މަޔާމީން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
މި މޮޅަކީ އިންޓަރ މަޔާމީގެ ހަޔާތުގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ހޯދި ފުރަތަމަ މޮޅެވެ. ހަމައެއާ އެކު، މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހަށް ފަހު ލީގުގައި މޮޅެއް ނުލިބި އޮތް އޮތުމަށް ވެސް މި ނަތީޖާގެ ސަބަބުން ވަނީ ނިމުން އައިސްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ 40ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ގޯލު ހުޅުވާލިއިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 52ވަނަ މިނެޓުގައެވެ. އޭގެ ފަހުން ލުއިސް ސުއަރޭޒަށް ގޯލު ޖަހަން މަގުފަހިކޮށްދިނުމަށް ފަހު، މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ކީޕަރުގެ ބޯމަތިން ފޮނުވާލި ހިތްގައިމު ބޯޅައަކުން އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެސީގެ ހަތަރުވަނަ ލަނޑު ވަންނަން މެދުވެރިވީ އިތުރު ވަގުތުގައި އޭނާ ފޮނުވާލި ހިލޭ ޖެހުމަކުންނެވެ. މިއީ 2020ވަނަ އަހަރު ބާސެލޯނާގައި ހުރެ އެއިބާ ކޮޅަށް ގޯލު ޖެހިފަހުން، މެސީގެ ކެރިއަރުގައި އެއް މެޗެއްގައި ހަތަރު ގޯލު ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.
މި ސީޒަނުގައި ކުޅުނު 19މެޗުން 18ލަނޑު ޖަހައިގެން ލީގުގެ ރަން ބޫޓުގެ ރޭހުގައި އުމުރުން 39އަހަރުގެ މެސީ އެންމެ ކުރީގައި އޮތްއިރު، އޭނާއާ އެކު ކުޅުމަކީ ލިބޭ ފަޚުރެއްކަމަށާއި އެއީ ޓީމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ވަނީ ބުނެފައެވެ. މި މެޗުގައި ކަސެމީރޯ ވެސް ވަނީ މަޔާމީގެ ޖާޒީގައި އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މަޔާމީގެ އަނެއް ލަނޑު 89ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒުވާން ކުޅުންތެރިޔާ އެލެގްޒެންޑަރ ޝޯއެވެ.
މަޔާމީގެ ވަގުތީ ކޯޗު ގިޔަރްމޯ ހޯޔޯސް ސަސްޕެންޑްވެފައި ހުރުމުންނާއި އައު ކޯޗު ކްރިސްޓިއަން ގޮންޒާލޭޒްގެ ވޯކް ޕާމިޓް ހަމަނުޖެހޭތީ، މި މެޗުގައި ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ރަފައެލް ޕެރޭޒްއެވެ. މޮންޓްރިއަލްގެ ފަރާތުން ދެވަނަ ހާފުގައި އެލެކްސިސް ސަންޗޭޒް ކުޅެން އެރި މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު މަޔާމީ އޮތީ އީސްޓަން ކޮންފަރެންސްގެ ދެވަނައިގައެވެ. މޮންޓްރިއަލް އޮތީ 14ވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.