ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަޔާން ލީގު ފެށީ ތަފާތު ބޮޑު މޮޅަކުން

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެލިއާންޒް އެރީނާގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޓުޓްގާޓް ބަލިކޮށް، މުބާރާތުގެ ތަށި ދިފާއުކުރުމުގެ އަމާޒަށް ވަރުގަދަ ފެށުމެއް ހޯދައިފިއެވެ.

މި މެޗުގައި ބަޔާންގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާ އެކު، އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑަޔޮޓް އުޕަމެކާނޯ، މައިކަލް އޮލީސޭ، އަލެކްސަންޑަރ ޕަވްލޮވިޗް އަދި ލުއިސް ޑިއާޒް އެވެ. ބަޔާނަށް ލިބުނު އަނެއް ލަނޑަކީ ސްޓުޓްގާޓުގެ ޔޯޝާ ވަގްނޮމަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ވަގްނޮމަން ސްޓުޓްގާޓަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ބަޔާނުން ވަނީ ވަގުތުން ރައްދުދީ މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 21ވަނަ މިނެޓުގައި ޔޯޒުއާ ކިމިޚް ފޯރުކޮށްދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އުޕަމެކާނޯ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ޖެފް ޗަބޮޓް އަމާޒުކޮށްލި ނުރައްކާތެރި ހަމަލާ ކީޕަރު މެނުއަލް ނޯޔާ މަތަކުރުމުން، ކުޅުމުގެ ތެރެއަށް ނުކުތް ބޯޅަ ގޯލަށް ވައްދާލައިގެން ވަގްނޮމަން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑަށްފަހު ބަޔާނުން ކުޅުން ރަނގަޅުކޮށް، އެންމެ ތިން މިނެޓުގެ ތެރޭގައި ދެ ގޯލު ޖެހިއެވެ. އޮލީސޭގެ ލަނޑަށް ފަހު، އަލްފޮންސޯ ޑޭވީސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަގްނޮމަން އަތުން ބައިކޮޅަށް ލަނޑެއް ވަނީއެވެ.

ބަޔާނުގެ ފަހު ދެ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ އިސްމާޢީލް ސައިބާރީ ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ. އެގޮތުން ހަތަރުވަނަ ލަނޑު ޕަވްލޮވިޗް ކާމިޔާބުކުރިއިރު، ފަހު ވަގުތުކޮޅުގެ ތެރޭގައި ޑިއާޒް ވަނީ ފަސްވަނަ ލަނޑު ޖަހައި ބަޔާނަށް ފުރިހަމަ ކާމިޔާބީއެއް ކަށަވަރުކޮށްދީފައެވެ. މިދިޔަ ސީޒަނުގައި 122ލަނޑު ޖަހައިގެން ރިކޯޑު ހަދައި، 16ޕޮއިންޓުގެ ތަފާތަކުން ލީގު ހޯދި ބަޔާނުން މި ހޯދި މޮޅާ އެކު، އައު ސީޒަނުގެ ފުރަތަމަ މެޗުން ބަލިނުވެ އެ ޓީމުން ވަނީ ވިދިވިދިގެން 15މެޗު ހަމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު