ނައިޖީރިއާގެ ފިރިހެން އަދި އަންހެން ޤައުމީ ފުޓްބޯޅަ ޓީމުތަކަށް ވޯލްޑް ކަޕްގެ ޖާގައެއް ނުލިބުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އިބްރާހީމް މޫސާ ގުސޫއާއި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަނޫސީގެ އިތުރުން ހިންގާ ކޮމިޓީގެ މެންބަރުން އިއްޔެ އަބޫޖާގައި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަބޫޖާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގުސޫ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާގެ މި ނިންމެވުން ބޯޑުގެ އެހެން މެންބަރުންނާ ހިއްސާކުރައްވައި، އިސްތިއުފާ ދެއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު އޮތްކަމަށް ލަފާދެއްވިކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
މި ބަދަލުތައް އައިސްފައި މިވަނީ މިއަހަރު އޮތް ފިރިހެނުންގެ ފީފާ ވޯލްޑް ކަޕާއި، އަންނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރުމުގެ ފުރުސަތު ނައިޖީރިއާއަށް ގެއްލި، ފެޑެރޭޝަނުގެ މައްޗަށް އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ވަގުތެއްގައެވެ. ޚާއްސަކޮށް، 1991ވަނަ އަހަރުން ފެށިގެން އަންހެނުންގެ ވޯލްޑް ކަޕްގައި ވިދިވިދިގެން ނުވަ ފަހަރު ވާދަކުރި ނައިޖީރިއާގެ ފަޚުރުވެރި ރެކޯޑު، މި މަހުގެ ކުރީކޮޅު ޕްލޭއޮފްގައި ދެކުނު އެފްރިކާ އަތުން ބަލިވުމާއެކު ވަނީ ނިމުމަކަށް އައިސްފައެވެ.
ފެޑެރޭޝަނުގެ އިސް ސަފަށް މި ބޮޑު ބަދަލު އައިސްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހު ލަފިއާ ސިޓީގައި އައު އިންތިޚާބެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް ކުއްލި ގޮތަކަށް ލީޑަރޝިޕް އެއްކޮށް އިސްތިއުފާ ދިނުމުން، ކުރިއަށް އޮތް އިންތިޚާބާއި އިދާރާގެ ހިންގުމާމެދު މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.