ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔުއޭފާ ޕްރެޒިޑެންޓްސް އެވޯޑް އޮންރީ ހާސިލުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ފަރަންސޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ތިއެރީ އޮންރީ، ކުޅިވަރަށް ކޮށްދީފައިވާ  އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މޮނާކޯގައި ރޭ ބޭއްވި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން 2026ވަނަ އަހަރުގެ ޔުއޭފާ ޕްރެޒިޑެންޓްސް އެވޯޑް އޭނާއަށް އަރުވައިފިއެވެ.

އޭނާއަށް މި ޚާއްޞަ އިނާމު ހަވާލުކޮށްދެއްވީ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް އެލެކްސެންޑަރ ޗެފެރިންއެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޗެފެރިން ވިދާޅުވީ، ދަނޑުމަތީގައި އޮންރީ ދައްކައިދީފައިވާ މޮޅު ކުޅުމާއި އޭނާގެ ހޯދުންތަކަކީ މިއަދު ވެސް ފުޓުބޯޅައިގެ އާއިލާގެ ތެރޭގައި ގުގުމަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ ދުވެލި ބާރު، އާދަޔާޚިލާފު ހުނަރުވެރިކަމެއް ލިބިފައިވާ، އިދިކޮޅު ޓީމުތަކަށް ނުރައްކާތެރި ފޯވާޑެއްކަން ފާހަގަކުރައްވައި، މި އެވޯޑަކީ އޭނާ ފުޓުބޯޅައިގެ ކުރިއެރުމަށް މެދުކެނޑުމެއް ނެތި ކުރަމުންގެންދާ މަސައްކަތްތަކަށް ދެވުނު ހައްގު މިންވަރުކަމުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޔޫރަޕިއަން ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން 1998ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑުގެ އިތުރުން، ރޭގެ ހަފްލާގައި ވަނީ މުޅިން އާ އެވޯޑެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން، އަލަށް ތައާރަފުކުރެވުނު "ރެސްޕެކްޓް ބިއޮންޑް ދި ގޭމް އެވޯޑް"ލިބިފައި ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އަދި އެ ޓީމުގެ ކެޕްޓަން މާކީނިއޯސްއަށެވެ.

މާކީނިއޯސްއަށް މި އިނާމު ހައްގުވި މައިގަނޑު ސަބަބަކީ، ފާއިތުވި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅެ، އާސެނަލްގެ ގެބްރިއަލް އަތުން ޕެނަލްޓީ މިސްވި ވަގުތު ޕީއެސްޖީއަށް މުބާރާތް ކާމިޔާބުވުމުން ވެސް، އަމިއްލަ ޓީމާ އެކު އުފާފާޅުކުރުމުގެ ކުރިން އިދިކޮޅު ކުޅުންތެރިޔާއަށް ހިތްވަރުދީ ކުޅިވަރުގެ ރޫހު ދައްކައިދީފައިވުމެވެ. ޔުއޭފާއިން މައުލޫމާތުދޭ ގޮތުގައި، ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަކީ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، ޓެކްނިކަލް ސްޓާފުންނާއި، މެޗު އޮފިޝަލުން އަދި ސަޕޯޓަރުންނަށް ވެސް ވާދަކުރެވޭނެ ގޮތަށް ހުޅުވާލެވިފައިވާ އިނާމެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު