ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮލިފައިންގައި ވާދަކުރާ ޒުވާން ސްކޮޑު އިއުލާންކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 20އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރުމަށްޓަކައި، އަޙްމަދު ޝާކިރު (ޝާކިއްޓެ)ގެ އިރުޝާދުގެ ދަށުން ނުކުންނަ ރާއްޖޭގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިއުލާންކޮށްފިއެވެ.

ރާއްޖެ ހިމެނެނީ މިޔަންމާގައި ކުރިއަށްދާ ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕް ކޭގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ މިޔަންމާ އާއި، ސްރީ ލަންކާގެ އިތުރުން ބްރޫނާއީ ދާރުއްސަލާމްއެވެ. ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 31ވަނަ ދުވަހު ބްރޫނާއީއާ ދެކޮޅަށް ނުކުންނައިރު، ސެޕްޓެމްބަރު 3ގައި ލަންކާއާ އަދި ގްރޫޕުގެ ފަހު މެޗުގައި ސެޕްޓެމްބަރު 6ގައި ވާދަކުރާނީ މިޔަންމާއާއެވެ.

އޭއެފްސީން މިފަހަރުގެ ކޮލިފައިން މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޕްރޮމޯޝަން އަދި ރެލިގޭޝަން ހިމެނޭހެން މުބާރާތް ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ރޭންކިންގެ ކުރީގައި އުޅޭ 32ޤައުމު ކުޅޭނީ ކޮލިފިކޭޝަން ފޭސްގައެވެ. އަދި ރޭންކިންގެ ފުލުގައި އުޅޭ 12ޤައުމު ވާދަކުރާނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. މީގެ ބޭނުމަކީ ފެންވަރުގެ ގޮތުން އެއްހަމައެއްގައި ހިމެނޭ ޓީމުތަކުގެ މެދުގައި ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ކޮލިފިކޭޝަން ފޭސްގެ ގްރޫޕުތަކުން އެއްވަނަ ހޯދާ ޓީމުތަކާއި، ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 7ޓީމަކަށް އަންނަ އަހަރުގެ އޭޕްރީލްގައި ޗައިނާގައި އޮންނަ މުބާރާތުން ޖާގަ ލިބޭނެއެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭ ތިން ގްރޫޕުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށް 2029ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ފޭސްއަށް ޕްރޮމޯޓްވުމުގެ ފުރުސަތު ލިބޭއިރު، ކޮލިފިކޭޝަން ފޭސްގެ ގްރޫޕްތަކުން އެންމެ ފުލަށްދާ ޓީމުތައް އަނެއްކާ ވެސް ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓްވާނެއެވެ.

މި މުހިންމު މުބާރާތާ ދިވެހި ޓީމު ކުރިމަތިލާއިރު، މިހާރުގެ ކޯޗު ޝާކިއްޓެ އަކީ މިދިޔަ މާޗު މަހު ރާއްޖޭގައި ބޭއްވި 20އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ހެޑް ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު