މާލޭގެ ޓެނިސް ކޯޓުގައި މިހާރު ކުރިއަށްދާ އައިޓީއެފް "ޖޭ 30"މުބާރާތުގެ ދެވަނަ ހަފުތާގެ ކުޅުމުގައި، ކޮރެއާގެ ކުޅުންތެރިޔަކު ބަލިކޮށް ގުރޫޕުގެ އެއްވަނަ ހޯދައިގެން ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ގުރޫޕުގެ ފަހު މެޗުގައި ކަރިން ކުރިމަތިލީ ކޮރެއާގެ ޖޭން ހެމްއާއެވެ. މީގެ ކުރިން ދެ މެޗުން މޮޅުވެފައިވާ ޖޭންގެ މައްޗަށް ކަރިން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އޭނާ ކާމިޔާބުކުރީ 7-6އަދި 6-1ގެ ނަތީޖާއަކުންނެވެ. ކުއާޓާ ފައިނަލްގައި މިއަދު ހެނދުނު ކަރިން ވާދަކުރަން ޖެހެނީ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ރޭންކުކޮށްފައިވާ ޗައިނީޒް ތައިޕޭގެ ޔުއާން ލޫއާއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް މިއަދު ކުޅުމަށް ތާވަލުކޮށްފައިވާއިރު، އެ ވަށްބުރަށް ދަތުރުކޮށްފައިވަނީ ޖުމްލަ އަށް ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދި ކުޅުންތެރިންނެވެ.
އުމުރުން 14އަހަރާއި 18އަހަރާ ދެމެދުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ދެ ހަފުތާގެ މުއްދަތަށް ބަހާލައިގެން މާލޭގައި ކުރިއަށްގެންދާ މި މުބާރާތް މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މި ބޮޑު މުބާރާތުގައި ދުނިޔޭގެ ނަންމަޝްހޫރު ބޮޑެތި ޤައުމުތައް ކަމަށްވާ އެމެރިކާ، ކެނެޑާ، ޗައިނާ އަދި ރަޝިއާގެ އިތުރުން އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާ ފަދަ ޤައުމުތަކުގެ މޮޅެތި ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.