ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސިނާ، ޑްރޭޕާ އަދި ރޫނޭ ޔޫއެސް އޯޕަންގައި ވާދަނުކުރާނެ

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާގެ އިތުރުން ޖެކް ޑްރޭޕާ އަދި ހޯލްގަރ ރޫނޭ، އެކުޅުންތެރިންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކުން އެއްކޮށް ސަލާމަތްވެވިފައި ނުވާތީ، އެމެރިކާގެ ނިއު ޔޯކުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ވަކިވެއްޖެއެވެ.

ސީޒަނުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތުން ސިނާ ވަކިވާން ޖެހުނީ އޭނާގެ ކަނާތު ކަކުލަށް ލިބިފައިވާ އަނިޔާއިން މުޅިން ފަސޭހަވެފައި ނުވާތީއެވެ. މި އަނިޔާގެ ސަބަބުން އޭނާ ވަނީ ފަހަކަށް އައިސް ކުޅުނު ކެނޭޑިއަން އޯޕަން އަދި ސިންސިނާޓީ އޯޕަންގައިވެސް ކުޅުމާ ދުރުގައި ހުރެފައެވެ. މޮންޓެ ކާލޯގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ނެރުނު ބަޔާނެއްގައި ސިނާ ހާމަކުރި ގޮތުގައި، މެޑިކަލް ޓީމާ އެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މުބާރާތުގައި ވާދަނުކުރަން ނިންމީ ކަކުލަށް އިތުރު ވަގުތު ބޭނުންވާތީއެވެ.

މި މުބާރާތުގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ކަމަށްވާ ސިނާ ވަކިވުމާއެކު، ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ކާލޯސް އަލްކަރާޒަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. ސިނާ މުބާރާތުން ވަކިވިކަން އިއުލާންކުރީ، އަލްކަރާޒް މުބާރާތުގައި ވާދަކުރާނެކަން ޔަގީންކޮށްދިންތާ 24ގަޑިއިރުވެސް ނުވަނީހެވެ.

ސިނާގެ އިތުރުން، އިނގިރޭސިވިލާތުގެ ތަރި ޖެކް ޑްރޭޕާވެސް މުބާރާތުން ވަކިވެފައިވާކަން ލޯން ޓެނިސް އެސޯސިއޭޝަނުން (އެލްޓީއޭ)ވަނީ ހާމަކޮށްފައެވެ. ވާތުގެ އަތްތިލައަށް ލިބިފައިވާ ދިގު މުއްދަތެއްގެ އަނިޔާއަކާ ގުޅިގެން ޑްރޭޕާ ވަކިވިއިރު، އަނިޔާގެ ސަބަބުން އޭނާގެ ރޭންކިން ވަނީ 143ވަނައަށް ވެއްޓިފައެވެ. ކުރިން ރޭންކިންގެ ކުރީގައި އުޅުނު ޑްރޭޕާއަކީ ޔޫއެސް އޯޕަންގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރުކޮށްފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

މި ކުޅުންތެރިންގެ އިތުރުން، ޑެންމާކުގެ ހޯލްގަރ ރޫނޭވެސް ވަނީ މުބާރާތުން ފެޔަށް ޖެހިފައެވެ. މިދިޔަ އަހަރު ވާތު ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޮކްޓޯބަރު މަހުން ފެށިގެން ކުޅުމާ ދުރުގައި ހުރި ރޫނޭ ބުނެފައިވަނީ، އެނބުރި އަންނަ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ގްރޭންޑް ސްލޭމް މުބާރާތެއް ކުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. ސްޕެއިންގައި އަލްކަރާޒާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، ރޫނޭ ވަނީ އަލްކަރާޒްގެ ޓީމަށް ޝުކުރު އަދާކޮށް، އޭނާގެ ކުޅުމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު