ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެލޭޝިއާގެ ޖޭޑީޓީއިން ދުނިޔޭގެ ރިކޯޑު މުގުރާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

މެލޭޝިއަން ސުޕަރ ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން ކުޅުނު މެޗުގައި ކޫޗިންގ ސިޓީގެ މައްޗަށް ކުރިހޯދައި، ޖެހިޖެހިގެން 109މެޗުން ބަލިނުވުމުގެ ފަޚުރުވެރި ރިކޯޑާ އެކު މެލޭޝިއާގެ ޖޮހޯރް ދާރުލް ތާޒީމް (ޖޭޑީޓީ)އިން ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުން ޖާގަ ހޯދައިފިއެވެ. 

ޖޭޑީޓީން މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ، އައިވަރީ ކޯސްޓުގެ އަސެކް މިމޯސަސްއިން 108މެޗުން ބަލިނުވެ އޮވެ 1994ވަނަ އަހަރު ގާއިމުކޮށްފައި އޮތް ޒަމާންވީ ރިކޯޑު ފަހަތަށް ޖައްސާލުމަށްފަހުގައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ކެލަންޓަންއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެ ކުލަބުން ވަނީ ކުރީގެ ރިކޯޑާ އެއްވަރުކޮށްފައެވެ.

"ސަދަން ޓައިގަރސް" ގެ ނަމުން ނަންދެވިފައިވާ މި ކުލަބު، 2021ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލީގުގެ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ޖޭޑީޓީގެ ކޯޗު، ސްޕެއިނުގެ ސިސްކޯ މުނޯޒް ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރުގެ މި ބޮޑު ކާމިޔާބީއެއްގެ ހިއްސާއަކަށް ވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އޭނާގެ އަމާޒަކީ މި ސިލްސިލާ ދަމަހައްޓައި ރިކޯޑު އިތުރަށް ފުޅާކުރުން ކަމަށް ވެސް ކޯޗު ބުންޏެވެ.

ޔޫރަޕުގެ ވަރުގަދަ ކުލަބުތަކަށް ކުރިން ކުޅެފައިވާ ޖޭޑީޓީގެ ސީއީއޯ ލުއިސް ގާސިއާ ބުނީ، މިއީ ފުޓުބޯޅައިގައި ނުހަނު އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން، ޖޭޑީޓީއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން ވެސް އެ މެޗެއް ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭކަން އޭނާ ފާހަގަކުރިއެވެ.

ވިދިވިދިގެން 13ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އަމާޒު ހިފާފައިވާ ޖޭޑީޓީން ވަނީ ދާދި ފަހުން އިނގިރޭސިވިލާތުގެ ޗެލްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވެސް 3-3އިން އެއްވަރުކޮށްފައެވެ. ރިކޯޑާ އެކު އައު ސީޒަން ފެށި މި ޓީމަށް ދެން އޮތީ ބުދަ ދުވަހު ކެލަންޓަން ރެޑް ވޯރިއަރސްއާ ދެކޮޅަށް ކުޅޭ މެޗެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު