ކުރިއަށް އޮތް ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން، އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތްކުރަމުންދާތީ، އޭނާ އެސްޓަން ވިލާ ދޫކޮށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ މީޑިއާއަށް ކަށަވަރުކޮށްދީފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމެރީ ބުނީ، ކުޅުންތެރިޔާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ނަމަވެސް، ދެ ފަރާތަށްވެސް ފައިދާހުރި ބަދަލެއް އަތުވެއްޖެ ނަމަ ގޮތް ނިންމުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ޓްރާންސްފާގެ މުއްދަތު ހަމަވާން ދިހަ ދުވަސް ބާކީ އޮތުމާ އެކު ކޮންމެ ފަދަ ބަދަލެއް ވެސް އައުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރިއެވެ. އާދީއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ވަޓްކިންސް ކުޅޭނެކަން ނުވަތަ ނޫންކަން ސީދާ ބުނަން އެމެރީ ވަނީ އުޒުރުވެރިވެފައެވެ.
ވިލާއަށް މުހިންމު ކުޅުންތެރިންތަކެއް މިހާރު ވެސް ގެއްލިފައިވާއިރު، އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ޔޫރީ ޓީލެމަންސްއާއި، ބޮޑު އަގެއްގައި ޗެލްސީއަށް ދިޔަ މޯގަން ރޮޖާސް ހިމެނެއެވެ. ހަމައެހެންމެ ޑަގްލަސް ލުއިޒް، ލޫކަސް ޑީނިއޭ އަދި ޖޭޑަން ސަންޗޯ ވެސް ވަނީ އެހެން ކުލަބުތަކަށް މިސްރާބު ޖަހާފައެވެ.
ޓީމުގެ އެއްވަނަ ގޯލްކީޕަރު އެމީ މާޓިނޭޒް ޔުވެންޓަސްއަށް ބަދަލުވުމަށް ދެކެވުނު ވާހަކަތައް މަޑުޖެހިފައިވީ ނަމަވެސް، އޭނާގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. އެމެރީ ބުނީ މާޓިނޭޒް އައު ގޮންޖެހުންތަކަކަށް ކުރިން ވެސް ޝައުގުވެރިވި ކަމަށެވެ. މިފަދަ ހާލަތަކަށް ސަމާލުވުމުގެ ގޮތުން ވިލާއިން ވަނީ ޖަޕާނުގެ ކީޕަރު ޒިއޯން ސުޒުކީ ޓީމަށް ގެނެސްފައެވެ.
ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހުނު ނަމަވެސް، ސަޕޯޓަރުންގެ އެހީތެރިކަން ކުލަބަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެމެރީއަށް އެބައޮތެވެ. އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ވިލާއިން ވަނީ ލޯނު އުސޫލުން ޗެލްސީގެ އަލެހަންދްރޯ ގާނާޗޯއާއި، ވެސްޓް ހޭމްގެ އާރޮން ވަން-ބިސާކާ ގެނެސްފައެވެ. މީގެ އިތުރުން ވުލްވްސްގެ ޖޮއާއޯ ގޯމޭޒްއާއި ފްރައިބާގުގެ ޔޯހާން މަންޒަމްބީ ވެސް ވަނީ އެ ކުލަބާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.