އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ޗެލްސީއާއި އެސްޓަން ވިލާއާ ދެމެދު ކުޅުންތެރިން ބަދަލުކުރުމުގެ ގިނަ މުއާމަލާތްތަކެއް ހިނގާފައިވީ ނަމަވެސް، މި ދެ ކުލަބުގެ މެދުގައި އެއްވެސް ކަހަލަ ޚާއްސަ އެކުވެރިކަމެއް ނެތްކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލާގެ ކޯޗު އުނާއި އެމެރީ ހާމަކޮށްފިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލޯނު އުސޫލުންނާއި ދާއިމީކޮށް އަށް ކުޅުންތެރިއެއްގެ ޓްރާންސްފާ ދެ ޓީމުގެ ދެމެދުގައި ހިނގާފައިވެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އެމެރީ ބުނީ، ދެ ކުލަބުގެ އަމާޒަކީ ވެސް އެއްބަޔަކު އަނެއް ބަޔަކު ބަލިކުރުން ކަމަށާއި ދެމެދުގައި އޮތީ ހަމައެކަނި ފައިސާގެ މުއާމަލާތްތަކެއް ކަމަށެވެ. އަދި މާޓިނޭޒްއާއި ރޮޖާސްގެ ޓްރާންސްފާއާ މެދު ވިލާއިން ހިތްހަމަޖެހުނު ނަމަވެސް، ޗެލްސީން އެކަމާ އުފާކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ދެ ކުލަބުގެ ދެމެދުގައި ކުޅުންތެރިން ގަނެވިއްކުމުގެ ބޮޑު ސިލްސިލާއެއް ފެށުނީ 2022ވަނަ އަހަރު ބްލޫކޯ ކޮންސޯޓިއަމްގެ ފަރާތުން ޗެލްސީގެ މިލްކުވެރިކަން ހޯދި ހިސާބުންނެވެ. އެގޮތުން، 117މިލިއަން ޕައުންޑް (158މިލިއަން ޑޮލަރު)ގެ އަގަކަށް މޯގަން ރޮޖާސް ޗެލްސީއަށް ބަދަލުވިއިރު، ލޯނު އުސޫލުން ވިލާއަށް ކުޅެމުންދާ އަލެހަންޑްރޯ ގާނާޗޯގެ ލޯނު މުއްދަތު ހަމަވުމުން އޭނާ ދާއިމީކޮށް ގަންނަން ވިލާއަށް ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން ނިކޮލަސް ޖެކްސަން ވިލާއާ ގުޅުނުއިރު، ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖަށް ބަދަލުވެފައެވެ.
އިނގިރޭސިވިލާތުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި، 2022ވަނަ އަހަރުން ފެށިގެން ޗެލްސީން ވަނީ ވިލާގެ ކުޅުންތެރިން ހޯދުމަށް 160މިލިއަނަށް ވުރެ ގިނަ ޕައުންޑް ޚަރަދުކޮށްފައެވެ. އަދި އޭގެ ބަދަލުގައި ޗެލްސީގެ ކުޅުންތެރިންނަށް ވިލާއިން ވަނީ 102މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ ނުކުންނާނީ ލީގުގެ ޗެމޕިއަން އާސެނަލްއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.