އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާއަށް ކުޅެމުން އައި އާޖެންޓީނާގެ ގައުމީ ޓީމުގެ ކާމިޔާބު ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް، 7.5މިލިއަން ޕައުންޑުގެ ފީއެއްގެ ދަށުން ޗެލްސީއަށް ވިއްކާލުމަށް ދެ ކްލަބުގެ މެދުގައި ރަސްމީކޮށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޗެލްސީން އައު ކީޕަރެއް ހޯދުމުގެ މަސައްކަތް ފެށީ، އައު ކޯޗު ޝަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވަނިކޮށް، ލީގުގެ ފުރަތަމަ މެޗުގައި ފުލަމްއާ ދެކޮޅަށް ކުޅެ އެ ޓީމުގެ މިހާރުގެ ކީޕަރު ސަންޗޭޒްގެ ފަރާތުން ގޯސްތަކެއް ފެނުމާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
2022ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި މާޓިނޭޒް ދޫކޮށްލަން ވިލާއިން ނިންމީ، އިޓަލީގެ ޕާމާއިން 30މިލިއަން ޕައުންޑް ދީފައި ޖަޕާނުގެ ކީޕަރު ޒިއޯން ސުޒުކީ އެ ޓީމަށް ގެނެސްފައިވާތީއެވެ.
މިއީ ހިނގަމުންދާ ޓްރާންސްފަރ މާކެޓުގައި މި ދެ ކްލަބުގެ މެދުގައި ހިނގި ފުރަތަމަ މުއާމަލާތެއް ނޫނެވެ. އެގޮތުން ޗެލްސީން ވަނީ 117މިލިއަން ޕައުންޑަށް ވިލާގެ މޯގަން ރޮޖާސް ގަނެފައެވެ. އަދި ޗެލްސީގެ އަލެހަންދްރޯ ޖަނާޗޯ ލޯނު އުސޫލުން ވިލާއަށް ބަދަލުވެފައިވާއިރު، އެ ޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން ވެސް ވިލާއަށް ވިއްކާލަން ނިންމައި އޭނާގެ މެޑިކަލްގެ ކަންކަން މި ހަފްތާގައި ކުރިއަށްދާނެއެވެ.
މީގެ ކުރިން އިޓަލީގެ ޔުވެންޓަސްއިން ވެސް މާޓިނޭޒް ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ އިނގިއްޔަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އެ ކްލަބުން ވަނީ އެކަން ހުއްޓާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.