ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މުސިއާލޭ ހޭނެތިގެން ވެއްޓުނީ ބޭހަށް ގެނައި ބަދަލަކުން

ޝެއާ ކުރޭ Facebook Telegram Viber X

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު ޖަމާލް މުސިއާލާ، ވިދިވިދިގެން ދެ މެޗެއްގައި ކުޅެމުންދަނިކޮށް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓެން ދިމާވީ ނާރުގެ ބައްޔަކަށް އޭނާ ބޭނުންކުރަމުން އައި ބޭސް ބަދަލުކުރުމުގެ ސަބަބުން ކުރިމަތިވި ސައިޑް އިފެކްޓެއްގެ ސަބަބުން ކަމަށް އެ ކުލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހާމަކޮށްފިއެވެ. 

މިދިޔަ އަންގާރަ ދުވަހު ހައިޑަންހައިމްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އުމުރުން 23އަހަރުގެ މުސިއާލާ ވަނީ އަނބުރައިގަނެގެން ވެއްޓިފައެވެ. އޭގެ ކުރިން އާރްބީ ލައިޕްޒީގާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ވެސް އޭނާއަށް ވަނީ ހަމަ މިފަދަ ހާލަތަކާ ކުރިމަތިލާން ޖެހި، ސިއްހީ އެހީތެރިކަމާއެކު ދަނޑުން ބާލަން ޖެހިފައެވެ.

ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޖަރުމަން ސުޕަރ ކަޕްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކޮމްޕެނީ ބުނީ، މިއީ މާބޮޑަށް ހާސްވާންޖެހޭ ފަދަ ނުރައްކާތެރި ކަމެއް ނޫން ކަމަށެވެ. ކުޅުންތެރިޔާގެ ހުއްދައާއެކު އޭނާގެ ސިއްހީ މައުލޫމާތު ހިއްސާކުރަމުން ކޯޗު ބުނީ، ފަރުވާއަށް ގެނެވޭ ބަދަލުތަކާއެކު މިފަދަ އަލާމާތްތައް ފެނުމަކީ އާންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އީބާލް ވެސް ވަނީ ކުލަބުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މުސިއާލާއަށް އޮތްކަން ހާމަކުރައްވާފައެވެ. އީބާލް ވިދާޅުވީ، ނާރުގެ މައްސަލައެއް މުސިއާލާ ތަހައްމަލުކުރަމުން އަންނަކަން ނިމިދިޔަ ސީޒަނުން ފެށިގެން މުޅި ޓީމަށް ވެސް އެނގޭ ކަމަށާއި، މިހާރު ދިމާވެގެން އުޅެނީ ފަރުވާއަށް ގެނައި ބަދަލަކާ ގުޅިގެން އުޅޭ މައްސަލައެއް ކަމަށެވެ.

މުސިއާލާ ވެސް ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން، ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަކަން ކަށަވަރުކޮށްދެމުން އޭނާ ބުނީ އެއީ މިހާރު އޭނާގެ ދިރިއުޅުމުގެ އެއް ބައި ކަމަށެވެ. އާ ބޭހަށް ހޭނުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، ކުރިއަށް އޮތް ސުޕަރ ކަޕް މެޗުގެ ސްކޮޑުން އޭނާއަށް ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ.

ބޮޑު އަނިޔާއަކާ ގުޅިގެން ހަ މަސް ދުވަހު ކުޅުމާ ދުރަށް ދާންޖެހުމަށް ފަހު އެނބުރި އައިސް، މުސިއާލާ އަންނަނީ އޭނާގެ ކުރީގެ ފޯމަށް ރުޖޫއަވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޯޗު ކޮމްޕެނީ ވަނީ މުސިއާލާގެ ކުރިއެރުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކޮށް، އޭނާ އަލުން އެނބުރި އައިސް މޮޅު ކުޅުމެއް ދައްކާނެކަމުގެ ޔަގީންކަން އޮތްކަން ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު