ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިޒްރޭލުގެ ކްލަބާ ގުޅޭ ގޮތުން ޖަވާބެއްދޭން ސާރީ ދެކޮޅުހަދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި މިރޭ އިޒްރޭލުގެ ހަޕޮއެލް ތެލްއަވީވްއާ ދެކޮޅަށް އެޓަލާންޓާ ނުކުންނަން ތައްޔާރުވަމުންދާއިރު، އިޒްރޭލުގެ ކްލަބުތައް ޔޫރަޕްގެ މުބާރާތްތަކުން އެކަހެރިކުރުމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް އާންމުކޮށް ޖަވާބުދޭން އެޓަލާންޓާގެ ކޯޗު މައުރީޒިއޯ ސާރީ ދެކޮޅު ހަދައިފިއެވެ.

ރަޝިއާގެ ކްލަބުތަކެކޭ އެއްގޮތަށް އިޒްރޭލުގެ ޓީމުތައް ވެސް ސަސްޕެންޑް ކުރަން ނުޖެހޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ސާރީ ބުނީ އޭނާ ދެކޭގޮތަކީ އަމިއްލަ ކަމެއް ކަމަށާއި އެކަމަށް ޖަވާބު ދޭނީ ވަކިން ކަމަށެވެ.

ޗެލްސީއާއި ޔުވެންޓަސްގެ ކުރީގެ ކޯޗު ސާރީ ބުނީ އޭނާ ނޫސްވެރިންގެ ބައްދަލުވުމުގައި އިނީ ކްލަބެއްގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. އަދި ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން ކޮންމެ މެޗަކާ ވެސް ކުރިމަތިލާނީ މޮޅުވުމުގެ އަޒުމުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެންނަކީ ކުލަބެއްގެ މަންދޫބެއްގެ ގޮތުގައި މިތާ ހުރި މީހެއް. އަދި ޕްރޮފެޝަނަލެއްގެ ހައިސިއްޔަތުން، ތާވަލުކުރެވިފައިވާ ކޮންމެ މެޗަކާ ވެސް ކުރިމަތިލާންޖެހެނީ މޮޅުވުމުގެ މަގުސަދުގައި. މިއީ ޕްރޮފެޝަނަލެއްގެ ވިސްނުމަކީ. ތި މައްސަލައާ ގުޅޭގޮތުން އަހަރެންގެ އަމިއްލަ ހިޔާލު އަހަން ބޭނުންނަމަ، އެކަން އަހަން ޖެހޭނީ ވަކިން"ސާރީ ބުންޏެވެ.

މިރޭގެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ސާރީ ވަނީ ހަޕޮއެލް ތެލްއަވީވްގެ ޓެކްނިކަލް ފެންވަރަށް ތައުރީފުކޮށްފައެވެ. އޭނާ ބުނިގޮތުގައި އެ ޓީމަކީ ގިނަ ބަޔަކު ހީކުރާ ވަރަށްވުރެ ވަރުގަދަ ޓީމެކެވެ. އަދި ޕްރިލިމިނަރީ ބުރުތަކުގައި އެ ކްލަބުން ދައްކާފައިވާ ނުރައްކާތެރި ކައުންޓަ އެޓޭކްތަކަށް އެޓަލާންޓާގެ ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، ތާރީހަށް ބަލާއިރު ޕްރިލިމިނަރީ ބުރުތަކަކީ އަބަދުވެސް އިޓަލީގެ ޓީމުތަކަށް އުނދަގޫ ބުރުތަކެއްކަން ސާރީ ފާހަގަކުރިއެވެ. އެހެންކަމުން މި މެޗަށް ތައްޔާރުވާން ޖެހުނީ ތަފާތު ގޮތަކަށް ކަމަށާއި، އެޓަލާންޓާގެ އަމިއްލަ ގާބިލުކަމަށް ކުޅުންތެރިން ސަމާލުކަން ދޭންޖެހޭނެ ކަމަށް ބުނެ އޭނާ ވާހަކަ ނިންމާލިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު