ސްޕެއިންގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިން ނެގި ސާމްޕަލަކުން ކޮކެއިންގެ އަސަރު ފެނުމާ ގުޅިގެން، އޮސްޓްރޭލިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނިކް ކީރިއޯސް، ޓެނިސް ކުޅުމުގެ ހުރިހާ ހަރަކާތަކުން ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.
އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީ (އައިޓީއައިއޭ)އިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 31އަހަރުގެ ކުޅުންތެރިޔާގެ ހަށިގަނޑުން ފެނިފައިވަނީ ކޮކެއިންގައި އެކުލެވޭ "ބެންޒޮއިލެކްގޮނީން"ނަމަކަށް ކިޔާ މާއްދާއެކެވެ. މި ސާމްޕަލް ނަގާފައި ވަނީ ފާއިތުވި ޖޫން މަހު ސްޕެއިންގެ މަޔޯކާގައި ބޭއްވި އޭޓީޕީ 250މުބާރާތުގެ ތެރެއިންނެވެ. ވޯލްޑް އެންޓި-ޑޯޕިންގ އެޖެންސީ (ވާޑާ)ގެ ލެބޯޓަރީއަކުން މި ނަތީޖާ ކަށަވަރުކޮށްފައިވަނީ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޝަންގައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި، ދުނިޔޭގެ ރޭންކިންގެ 13ވަނައިގައި ކުރިން އޮތް ކީރިއޯސް ވަނީ އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެއްކަމަށް އިއުތިރާފުވެފައެވެ. އަދި މިކަމުގެ ސަބަބުން ސަޕޯޓަރުންނާއި، އާއިލާގެ އިތުރުން ސްޕޮންސަރުންނަށް ލިބުނު ހިތްދަތިކަމަށް މާފަށް އެދޭކަމަށާއި، ޚާއްސަކޮށް އޭނާއަކީ ނަމޫނާއެއް ކަމަށް ދެކޭ ކުޑަކުދިންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށް އޭނާ ބުންޏެވެ. ކޮކެއިންއަކީ ވާޑާއިން ކަނޑައަޅާފައިވާ މަނާ މާއްދާތަކުގެ ލިސްޓުގައި ހިމެނޭ އެއްޗެކެވެ.
ކޮކެއިން ބޭނުންކުރުމަށް އެއްވެސް އުޒުރެއް ނުދެއްކި ނަމަވެސް، ފަހަކަށް އައިސް އޭނާ ތަހައްމަލުކުރަމުންދިޔަ ޖިސްމާނީ އަދި ނަފުސާނީ އުނދަގޫތަކަށް ކީރިއޯސް އަލިއަޅުވާލިއެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން ކެރިއަރު ނިމުމަކަށް އައިސްދާނެކަމުގެ ބިރު ހީވުމުން، ނަފުސާނީ ގޮތުން ފުން އަސަރުތަކެއް ކުރިކަމަށް އޭނާ ކިޔައިދިނެވެ. އަދި އުމުރުދުވަހު ކުރަމުން އައި މަސައްކަތާ ދުރަށްދާން ޖެހުމުން އެކަނިވެރިކަން އިހުސާސްވިކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ކަކުލާއި އަތްތިލައަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ކުރި އޮޕަރޭޝަންތަކަކަށް ފަހު، 2023ވަނަ އަހަރުން ފެށިގެން ކީރިއޯސްއަށް ކުޅެވިފައިވަނީ އެންމެ 10މެޗެވެ. 2024ވަނަ އަހަރުގެ މުޅި ސީޒަން ގެއްލުނުއިރު، އެންމެ ފަހުން އޭނާ ފެނިފައި ވަނީ މިއަހަރުގެ ވިމްބަލްޑަން މުބާރާތުގެ ޑަބަލްސް އިވެންޓުންނެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުން އޭނާ ވަނީ ކަޓާފައެވެ.
ވާޑާއިން މަނާކޮށްފައިވާ މާއްދާއެއް ބޭނުންކުރުމުގެ ސަބަބުން އައިސްފައިވާ މި ސަސްޕެންޝަންގެ މުއްދަތުގައި އޭނާއަށް އެއްވެސް ފެންވަރެއްގެ ޓެނިސް މުބާރާތެއްގައި ބައިވެރިވުމާއި، ކޯޗުކޮށްދިނުން އަދި މެޗުތައް ބަލަން ދިއުންވެސް މަނާވާނެއެވެ. ކީރިއޯސް ނިންމާފައި ވަނީ މި ނިންމުން އިސްތިއުނާފު ނުކުރުމަށެވެ. އޭގެ ބަދަލުގައި، އަމިއްލަ ނަފުސަށް ވަގުތު ދިނުމުގެ ގޮތުން ކުރިއަށް އޮތް 28ދުވަހު އާންމު ދިރިއުޅުމާއި ސޯޝަލް މީޑިއާއާ ދުރަށްދާން ވަނީ ނިންމާފައެވެ. އޭނާ ބުނެފައި ވަނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދާދިފަހުން މަޝްހޫރު ޓެނިސް ކުޅުންތެރިން ކަމަށްވާ ޔަނިކް ސިނާ އަދި އީގާ ޝްވިއާންޓެކްގެ ޑޯޕިން މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރި ލުއި ގޮތްތަކަށް ކީރިއޯސް ވަނީ މީގެކުރިން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން މިފަދަ ކަންކަމުގައި ޝާމިލުވުމަކީ ކުޅިވަރަށް ލިބޭ ވަރަށް ބޮޑު ހުތުރެއްކަމަށް އޭނާ އޭރު ބުނެފައިވެއެވެ. މީގެ އިތުރުން، 2019ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތުގައި ރަފައެލް ނަޑާލް އަތުން ބަލިވުމުން އަމިއްލައަށް މަރުވާން ހިތަށްއެރިކަމާއި، ނަފުސާނީ ފަރުވާ ހޯދިކަން ވެސް މީގެ ކުރިން އޭނާ ހާމަކޮށްފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.