އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތަކުގައި ރެފްރީންނާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)އިން ނިންމާ މުހިންމު ނިންމުންތަކުގެ ސަބަބުތައް ސާފުކޮށްދިނުމުގެ ގޮތުން، ކޮންމެ ހަފުތާއަކު އެ ކަންކަމާ ގުޅޭ ރިޕޯޓުތައް އާންމުކުރުމަށް އެ ލީގުން އަންގާރަ ދުވަހު ނިންމައިފިއެވެ.
ކީ މެޗު އިންސިޑެންޓްސް (ކޭއެމްއައި)ގެ ނަމުގައި 2022/23ވަނަ އަހަރުގެ ސީޒަނުގައި އުފެއްދި ފަސް މެމްބަރުންގެ މިނިވަން ކޮމިޓީން މީގެ ކުރިން މި ރިޕޯޓުތައް ހަމައެކަނި ކުލަބުތަކަށް ހިއްސާކުރި ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މި މައުލޫމާތުތައް އާންމުންނަށް ފެންނާނެހެން ހާމަކުރާނެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ މެޗު އޮފިޝަލުންގެ ނިންމުންތަކާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކޮށް، ކަންކަން ހިނގާގޮތް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ގެންދިއުން ކަމަށް ޕްރިމިއަރ ލީގުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މެޗުތަކުގައި ހިނގާ ބޮޑެތި ކަންކަމުގައި ދަނޑުމަތީގައި ތިބޭ ރެފްރީންނާއި ވީއޭއާރު ރޫމްގައި ތިބޭ އޮފިޝަލުންނާ ދެމެދު ދެކެވޭ ވާހަކަތައްވެސް "ޕްރިމިއަރ ލީގު މެޗު ސެންޓަރ"ގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ މަންސަތަކުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްސަ މެޗުތަކެއްގައި ރެފްރީންގެ ގައިގައި ހަރުކޮށްފައި ހުންނަ ކެމެރާތަކުން ރެކޯޑުކުރާ އަޑުތައް ވެސް އާންމުންނަށް އިވޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.
މެޗު ކުޅެމުންދާ ވަގުތު އޮފިޝަލުންގެ މެދުގައި ދެކެވޭ ވާހަކަތައް ވަގުތުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ހޯދުމަށް ޓަކައި، ފުޓުބޯޅައިގެ ބައިނަލްއަގުވާމީ ގަވާއިދުތައް ހަދާ އިދާރާ އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިފެބް)އާއެކު ޕްރިމިއަރ ލީގުން ދަނީ މަޝްވަރާކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ 2026/27ވަނަ އަހަރުގެ ޕްރިމިއަރ ލީގު ސީޒަނުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްއާއި އަލަށް ލީގަށް ޕްރޮމޯޓުވި ކޮވެންޓްރީ ސިޓީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.