ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދުނިޔޭގެ ބެޑްމިންޓަން މުބާރާތް: ޗެމްޕިއަން ޝީ ކަޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގައި، އެންމެ ފަހުގެ ތާޖު ހާސިލުކުރި ޗައިނާގެ ޝީ ޔޫ ގީ، އިންޑިއާގެ އަޔުޝް ޝެޓީގެ އަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ. 

މުބާރާތުގެ އެއްވަނަ ސީޑުގެ ގޮތުގައި ނުކުތް ނަމަވެސް، ޝީ ޔޫ ގީގެ މައްޗަށް ޝެޓީ ކުރިހޯދީ ދެ ސެޓު އެއް ސެޓުގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓުގައި ޗައިނާ ކުޅުންތެރިޔާއަށް އެދެވޭ ކުޅުމެއް ނުދެއްކުމުގެ ފައިދާނަގައި، އެކާވީސް ސާދައިން އެ ސެޓު ފަސޭހަކަމާއެކު ގެންދިޔައީ ޝެޓީއެވެ. ނަމަވެސް ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، އެކާވީސް ތޭރައިން ޝީ ޔޫ ގީ ސެޓު ކާމިޔާބުކޮށް މެޗުގެ ފޯރި ގަދަކުރިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި، އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު ކުޅެމުންދިޔަ ޝެޓީ ވަނީ ހިތްވަރު އެލުވާނުލައި މަސައްކަތްކޮށް، އެކާވީސް ނަވާރައިން ސެޓު ނަގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ހަތަރުވަނައަށް ރޭންކް ކުރެވިފައިވާ ޑެންމާކްގެ އެންޑަރސް އެންޓޮންސެން ވަނީ އޭނާގެ ފުރަތަމަ މެޗުން ފަސޭހަކަމާއެކު މޮޅުވެފައެވެ. ޑިކީ ޑުވީ ޕެންގެސްޓޫއާ ވާދަކޮށް އެންޓޮންސެން މޮޅުވީ ސީދާ ދެ ސެޓުން، އެކާވީސް ނަވާރަ އަދި އެކާވީސް ސަތާރައިންނެވެ.

އަންހެނުންގެ ސިންގަލްސް އިވެންޓަށް ބަލާއިރު، އެއްވަނަ ސީޑު ކަމަށްވާ ދެކުނު ކޮރެއާގެ އާން ސޭ ޔަންގް ވެސް ވަނީ ފެށުން ރަނގަޅުކޮށްފައެވެ. ބަލްގޭރިއާގެ ކަލޮޔާނާ ނަލްބަންޓޯވާގެ މައްޗަށް އޭނާ ކުރިހޯދީ އެކާވީސް ތޭރަ އަދި އެކާވީސް ސާދައިން، ސީދާ ދެ ސެޓުންނެވެ. ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފަހަކަށް އައިސް ޖަޕާނާއި ޗައިނާ އޯޕަންގައި ނުކުޅެ ހުރި އުމުރުން ސައުވީސް އަހަރުގެ އާން ސޭ ޔަންގް އަކީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ހަތް ތަށި އުފުލާލާފައިވާ ކުޅުންތެރިއަކަށް ވުމުން، މިއީ މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ތާޖުވެސް ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން، އަންހެނުންގެ އިވެންޓުގެ ތިންވަނަ ސީޑު ކަމަށްވާ ވަންގް ޒީޔީ ވަނީ ބެއިވެން ޒާންގް އާ ބައްދަލުކޮށް، އެކާވީސް ބާރަ އަދި އެކާވީސް ތޭރައިން މެޗު ކާމިޔާބުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު