ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އައިޓީއެފް ޖޭ30" ޓެނިސް މުބާރާތް މާލޭގައި ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

34ޤައުމަކުން 300އަށް ވުރެ ގިނަ ކުޅުންތެރިންގެ ބޮޑު ތަރުހީބަކާ އެކު، އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން 14އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ "ޖޭ30"ޓެނިސް މުބާރާތް އާދިއްތަ ދުވަހު މާލޭ ޓެނިސް ކޯޓުގައި ފަށައިފިއެވެ.

މި މުބާރާތާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިގްނާޒް މަންސޫރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުގެ މުބާރާތަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުހަނު ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން އެމެރިކާ، ކެނެޑާ، ރަޝިއާ އަދި ޗައިނާގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ތައިލޭންޑް ފަދަ ޓެނިހުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޤައުމުތަކުގެ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވާދަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ހަފްތާގެ މުއްދަތަކަށް ބަހާލައިގެން ދެ މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ކުޅުން ފެށިފައި ވަނީ ކޮލިފައިން މެޗުތަކުންނެވެ. ފިރިހެން އަދި އަންހެން ޑިވިޝަނުން ޖުމްލަ 16ކުޅުންތެރިން ކޮލިފައިންގައި ވާދަކުރިއިރު، މީގެ ތެރެއިން މެއިން ޑްރޯއިން ޖާގަ ކަށަވަރުކުރާނީ 8ކުޅުންތެރިންނެވެ. އިގްނާޒް ވިދާޅުވި ގޮތުގައި ކޯޓުމަތީގައި ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެކެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ޓެނިސް ކުރިއެރުވުމަށް މަގުފަހިކޮށްދޭ މި މުބާރާތުގެ ކުޅުން މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާނެއެވެ. މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ މުބާރާތަކަށްވާއިރު، މިދިޔަ އަހަރުވެސް މި ފެންވަރުގެ ދެ މުބާރާތެއް ރާއްޖޭގައި ވަނީ ކާމިޔާބުކަމާ އެކު ބާއްވާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު