ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖަމްޝޭދުޕޫރު ކްލަބު ،ޗާޗިލް ބްރަދާސްއަށް، އަގު އެންމެ ޑޮލަރެއް

ޝެއާ ކުރޭ Facebook Telegram Viber X

އިންޑިއަން ސުޕަރ ލީގު (އައިއެސްއެލް)އިން ވަކިވުމަށް ޓާޓާ ގްރޫޕުން ނިންމާފައި ވަނިކޮށް، އެ ކުންފުނީގެ ދަށުން ހިންގަމުން އައި ޖަމްޝޭދުޕޫރު އެފްސީގެ ހުރިހާ ހިއްސާއެއް އެންމެ ސަތޭކަ ރުޕީސް (1.05އެމެރިކާ ޑޮލަރު)އަށް ގޯއާގެ ޗާޗިލް ބްރަދާސްއަށް ވިއްކާލައިފިއެވެ.

މި ވިޔަފާރީގެ ދަށުން، ޖަމްޝޭދުޕޫރުގެ ސްޕޯޓިން ލައިސެންސްގެ އިތުރުން އެ ޓީމުގައި ހިމެނޭ ބާރަ ކުޅުންތެރިންނާއި ދެ ކޯޗުންގެ ކޮންޓްރެކްޓްތަކާ ވެސް އިންޑިއާގެ ލީގު ދެފަހަރު ހޯދާފައިވާ ޗާޗިލް ބްރަދާސްއިން ހަވާލުވާނެއެވެ. ޓާޓާ ސްޓީލްގެ ވައިސް ޕްރެޒިޑެންޓް އޮފް ކޯޕަރޭޓް ސާވިސަސް ޑީބީ ސުންދަރާ ރާމަމް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން ކޯޗުންނާއި ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރަށް ހުއްޓުމެއް ނައިސް ކުރިއަށް ދިއުމުގެ މަގު ފަހިވެގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި މިކަމުގައި އޭއައިއެފްއެފްއާއި ޗާޗިލް ބްރަދާސްގެ ފަރާތުން ދިން ފުރިހަމަ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ ކުރިން އައިއެސްއެލްގެ ޗެމްޕިއަންކަން އަދި ސުޕަރ ކަޕް ކާމިޔާބުކޮށްފައިވާ ޖަމްޝޭދުޕޫރު ކްލަބު އުވާލަން އުޅޭކަމުގެ ޚަބަރުތަކާ އެކު، ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި، ޓާޓާއަށް ބޮޑެތި އާދޭސްތަކެއް ކޮށްފައެވެ. ނަމަވެސް މިހާރު ކަންތައްތައް ނިމިފައިވާ ގޮތުން، ޖާރްކަންޑް ސްޓޭޓްގެ ޖަމްޝޭދުޕޫރު ސިޓީއަށް ވަނީ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި އެ ސަރަހައްދު ތަމްސީލުކުރާނެ ހަމައެކަނި ޓީމު ގެއްލިފައެވެ. އާ މެނޭޖްމަންޓް ކަމަށްވާ ޗާޗިލް ބްރަދާސް ނިސްބަތްވަނީ އެ ސިޓީއާ ދެހާހެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ، ފުޓްބޯޅައިގެ ފޯރިގަދަ ގޯއާއަށެވެ. 

ޖަމްޝޭދުޕޫރު ޓީމު މިވަގުތު އަންނަނީ ޑޫރަންޑް ކަޕުގައި ވާދަކުރަމުންނެވެ. އަދި ކުރިއަށް އޮތް ހޯމަ ދުވަހު ކުއާޓާ ފައިނަލްގައި އެޓީމު މޯހަން ބަގާންއާ ދެކޮޅަށް ނުކުންނާނެއެވެ. ރިލަޔަންސްގެ އެހީތެރިކަމާއެކު 2017ވަނަ އަހަރު އައިއެސްއެލްއާ ގުޅުނު އެ ކްލަބުން ލީގު ދޫކޮށްލާފައި މިވަނީ، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)އާއި ރިލަޔަންސްއާ ދެމެދު އޮތް ވިޔަފާރީގެ އެއްބަސްވުން އުވާލިތާ އަހަރެއް ނުވަނީހެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށް އޮތް އައިއެސްއެލް ސީޒަން ފަށާނެ ތާރީޚެއް އަދި މެޗުތައް ބްރޯޑްކާސްޓްކުރާނެ ފަރާތެއް ވެސް މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

މި ލިބުނު ފުރުސަތަކީ 2013-2014ވަނަ އަހަރަށްފަހު ފުރަތަމަ ޑިވިޝަނާ ދުރުގައި އޮތް ޗާޗިލް ބްރަދާސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އިންޓަރ ކާޝީ ޓީމުގެ މައްސަލައަކާ ގުޅިގެން ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވުމަށް ކުރި އުއްމީދު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް)ގެ ނިންމުމަކާ ގުޅިގެން ނާކާމިޔާބުވެފައި ވަނިކޮށް، މި ލިބުނު ފުރުސަތާއެކު އެ ކްލަބުން ބުނެފައިވަނީ މިއީ "އައު ފެށުމެއް"ކަމަށެވެ. އަދި ކްލަބުގެ ރައީސް ޗާޗިލް އަލެމާއޯގެ ހިތްވަރާއެކު ކްލަބު އޮންނަންޖެހޭ ހައްގު މަގާމަށް މިހާރު އާދެވިއްޖެކަން އެ ކްލަބުގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު