އިންޑިއަން ސުޕަރ ލީގު (އައިއެސްއެލް)ގައި ވާދަކުރަމުން އައި ޖަމްޝޭދުޕޫރު އެފްސީ އެ މުބާރާތުން ވަކިކުރުމަށް މިދިޔަ ހުކުރު ދުވަހު ޓާޓާ ގްރޫޕުން ނިންމާފައިވާތީ، އެކަމުގެ ސަބަބުން އިންޑިއާގެ ފުޓްބޯޅައަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމުގެ ކަންބޮޑުވުމާ އެކު، އެ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ އާދޭސްކޮށްފިއެވެ.
މީސްމީޑިއާ މަންސަ "އެކްސް"ގައި ހިއްސާކުރި ޝުޢޫރުތަކެއްގައި ޗެތުރީ ބުނެފައި ވަނީ، ލީގުން ކުލަބެއް މަދުވި ނަމަވެސް މުބާރާތް ހުއްޓުމަކަށް ނައިސް ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް، ޓާޓާ ފަދަ ބޮޑު އަދި ނުފޫޒުގަދަ ކުންފުންޏެއްގެ ޙިއްޞާ އިންޑިއާގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ނެތިދިއުމަކީ ގަބޫލުކުރަންދަތި އަދި އެހާމެ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ވިޔަފާރީގެ ފައިދާއަށް ވިސްނުމުގެ ބަދަލުގައި، ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ޓާޓާގެ އިސް ވެރިން މި ފިޔަވަޅު އަނބުރާ ގެންދާނެކަމަށް އުއްމީދުކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އައިއެސްއެލްއިން ވަކިވާން ނިންމިކަން ޖަމްޝޭދުޕޫރުން ރަސްމީކޮށް ހާމަކުރިއިރު، އެ ލީގު މިހާރު ހިންގަމުންދަނީ ސީދާ ކުލަބުތަކުގެ ބެލުމުގެ ދަށުންނެވެ. ދެހާސް ސަތާރަ ވަނަ އަހަރު ވުޖޫދަށް އައި ޖަމްޝޭދުޕޫރު އެފްސީއަކީ އައިއެސްއެލްގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން 2021/22ގެ ސީޒަނުގައި ލީގު ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން، ފާއިތުވި އަހަރުގެ ސުޕަރ ކަޕްގެ ފައިނަލްގައި ވެސް އެ ޓީމުން ވަނީ ކުޅެފައެވެ.
އިންޑިއާގެ ފުޓްބޯޅައަށް މިހާރު ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 138ވަނައަށް އިންޑިއާ ވެއްޓިފައިވާއިރު، އައިއެސްއެލްގެ 2026/27ވަނަ އަހަރުގެ ސީޒަން ފަށާނެ ދުވަހެއްވެސް އަދި ކަނޑައެޅިފައެއް ނުވެއެވެ. އަދި މެޗުތައް ދުރަށް ދައްކާނެ ބްރޯޑްކާސްޓިންގ ޕާޓްނަރެއް ވެސް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މީގެ އިތުރުން، އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދާ ގުޅިގެން ސްޕްރީމް ކޯޓުގައި ދައުވާތަކެއް ހިނގަމުންދާތީ، ރިލަޔަންސް އިންޑަސްޓްރީޒްއާއެކު ހަދާފައިވާ 15އަހަރުގެ ދިގު އެއްބަސްވުން ވަނީ އުވާލާފައެވެ. މިކަމުގެ ސަބަބުން މިދިޔަ ސީޒަނުގެ މުބާރާތް ވެސް ކުރިއަށް ގެންދަންޖެހުނީ ވަގުތީ ކުރު އިންތިޒާމެއްގެ ދަށުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.