އިނގިރޭސި ފުޓުބޯޅައިގެ މަޝްހޫރު ކުލަބު، ލެސްޓަރ ސިޓީއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާއި ސަޕޯޓަރުންގެ ނުރުހުމާއެކު، 16އަހަރަށް ފަހު ތައިލެންޑުގެ ކިންގް ޕަވަރ ކުންފުނިން 200މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށް އެ ކުލަބު ވިއްކާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ކުލަބު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އެމެރިކާގެ ބޮޑު އިންވެސްޓްމަންޓް ބޭންކަކުން ވަނީ "ޕްރޮޖެކްޓް ލައިންއަޕް"ގެ ނަމުގައި އަށް ސަފުހާގެ މައުލޫމާތު ކަރުދާހެއް އެކުލަވާލާފައެވެ. މި ލިޔުމުގައިވާ ގޮތުން، ވިއްކާލާ މުދަލުގެ ތެރޭގައި ފިރިހެން ޓީމާއި އަންހެން ޓީމުގެ އިތުރުން، 32،000މީހުންގެ ޖާގަ އޮންނަ ކިންގް ޕަވަރ ސްޓޭޑިއަމް ހިމެނެއެވެ. މީގެ އިތުރުން 121މިލިއަން ޕައުންޑު ޚަރަދުކޮށްގެން 2020ވަނަ އަހަރު ހުޅުވި ސީގްރޭވް ޓްރެއިނިންގ ސެންޓަރާއި ބެލްޖިއަމްގެ އޯއެޗް ލޫވަން ކުލަބު ވެސް ވިއްކާލާ ތަކެތީގެ ތެރޭގައި ވަނީ ހިމަނާފައެވެ. މި ހުރިހާ މާއްދީ ވަސީލަތްތަކެއްގެ ޖުމްލަ އަގު 200މިލިއަން ޕައުންޑަށް ވުރެ މައްޗަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުލަބު ވިއްކާލުމަށް ތައްޔާރުކުރި އިޝްތިހާރުގައި 2016ވަނަ އަހަރު ހޯދި ތާރީޚީ ޕްރިމިއަރ ލީގު ތައްޓާއި އެފްއޭ ކަޕްގެ ކާމިޔާބީ ފާހަގަކޮށް، މިއީ މަތީ ފަންތިއަށް އެރުމުގެ ރެކޯޑު އޮތް ޓީމެއް ގަތުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ނަމަވެސް، ޖެހިޖެހިގެން އައި ދެ ރެލިގޭޝަނާއެކު ލީގު ވަން (ތިންވަނަ ޑިވިޝަން)އަށް ޓީމު ވެއްޓިފައިވާ ވާހަކައާއި، ބޭންކުތަކަށް ދައްކަންޖެހޭ 103.6މިލިއަން ޕައުންޑުގެ ބޮޑު ދަރަނީގެ މައުލޫމާތު މި ލިޔުމުގައި ފޮރުވާފައިވެއެވެ. އަދި މިއަހަރު 97މިލިއަން ޕައުންޑުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، 2023އިން 2025އަށް ކުލަބަށް 180މިލިއަން ޕައުންޑަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފައިނޭންޝަލް ޓައިމްސްއިން މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ ރިޕޯޓުކުރި މި ޚަބަރު މިހާރު ޔަގީންވެފައިވާއިރު، ދަށް ޑިވިޝަނަށް ވެއްޓުމުގެ ސަބަބުން ސަޕޯޓަރުންގެ ފަރާތުން ކުލަބުގެ ޗެއާމަން އައިޔަވަތު ސްރިވަދަނަޕްރަބާއަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. 2010ވަނަ އަހަރު 35މިލިއަން ޕައުންޑަށް އޭނާގެ ބައްޕަ، މަރުހޫމް ވިޗައި ސްރިވަދަނަޕްރަބާ ގަތް މި ކުލަބު ވިއްކާލަން އުޅޭ އަނެއް ސަބަބަކީ ކިންގް ޕަވަރ ކުންފުނީގެ މައި ވިޔަފާރިއަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަން ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، 2000ވަނަ އަހަރުގެ ފަހުން އިނގިރޭސި މައި ތިން ތަށި ހޯދި ފަސް ކުލަބުގެ ތެރޭގައި ލެސްޓަރ ހިމެނުމަކީ ގަންނަ ފަރާތްތަކަށް އޮތް ބޮޑު ބާރެކެވެ. އަދި ކުލަބުގެ އެކެޑަމީން މޮޅު ކުޅުންތެރިން އުފައްދާކަމީ ވެސް އެ ކުލަބްގެ ވަރުގަދަކަމެކެވެ.
ތިންވަނަ ޑިވިޝަނަށް ވެއްޓިފައިވާ ލެސްޓަރއިން އައު ސީޒަނާ ކުރިމަތިލާނީ ހެޑް ކޯޗު ރަސަލް މާޓިންގެ ބެލުމުގެ ދަށުންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ނޮޓްސް ކައުންޓީއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.