އައިރަނާސްއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ހާފް މެރަތަން 2026"، ބައިނަލްއަގުވާމީ ފިޓްނަސް އައިކަން އަދި ބޮލީވުޑްގެ ކުރީގެ ތަރި މިލިންދު ސޯމަންގެ އިތުރުން ދެހާހެއްހާ ދުވުންތެރިންނާ އެކު މާދަމާ ހެނދުނު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މުބާރާތުގެ ފޯރިގަދަ ހާފް މެރަތަން ކެޓަގަރީގައި އެކަނި ވެސް މިއަހަރު 460މީހުން ވާދަކުރެއެވެ. ޖުމްލަ ފަސް ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓުގެ ދުވުންތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ފަތިހު 5:15ގައެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާނީ 15ކިލޯމީޓަރުގެ ރޭހާއި ހާފް މެރަތަންއެވެ. އޭގެ ފަހުން، ހެނދުނު 6:00ގައި "ޓަފް ޓެން"ފަށާއިރު، 7:30ގައި ފަސް ކިލޯމީޓަރުގެ ދުވުން، އަދި 8:30ގައި ކުޑަކުދިންގެ ޚާއްސަ ދުވުން އޮންނާނެއެވެ.
މެރަތަންގެ އިންޓަނޭޝަނަލް އެމްބަސަޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އައިރަން މޭން ޓްރައިއެތުލީޓް މިލިންދު ވަނީ، މި މުބާރާތާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްދިޔަ އެކްސްޕޯގައިވެސް ބައިވެރިވެފައެވެ. މިދިޔަ އަންގާރަ ދުވަހު ފެށި މި އެކްސްޕޯގައި އޭނާއާ އެކު ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވާއިރު، ބައިވެރިންނަށް ބިބް ދޫކުރުމާއި، ތަފާތު ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ކުޅިވަރު ސާމާނު ވިއްކުމާއި ފޮޓޯ ނެގުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ސިންތެޓިކް ޓްރެކްގައި ކުރިއަށްގެންދިޔަ މި ކުލަގަދަ އެކްސްޕޯ ބުރާސްފަތި ދުވަހު ނިންމާލާފައިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްސަ އިވެންޓަކުންނެވެ. ހުކުރު ދުވަހު އޮންނަ މައިގަނޑު ދުވުމާ އެކު މިއަހަރުގެ މެރަތަންގެ ހަރަކާތްތައް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.