ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެލްއޭ ލޭކަރސްގެ މިލްކުވެރިކަން ބަދަލުވަނީ

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ކުޅިވަރު ތާރީޚުގައި ހިންގޭ އެންމެ އަގުބޮޑު އެއް މުއާމަލާތުގެ ގޮތުގައި، 12.5ބިލިއަން ޑޮލަރުގެ ރިކޯޑު އަދަދަކަށް އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުލަބު، ލޮސް އެންޖެލިސް ލޭކަރސް ވިއްކާލުމުގެ އެންމެފަހުގެ މަރުހަލާތައް ފަށައިފިއެވެ. 

މި ބޮޑު މުއާމަލާތުގެ ދަށުން ކުލަބުގެ މައިގަނޑު ހިއްސާ ގަތުމަށް ތައްޔާރުވަމުން އަންނަނީ ޑިޒްނީ ކުންފުނީގެ ކުރީގެ ސީއީއޯ ބޮބް އައިގަރގެ އިތުރުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރި ޖެރެޑް ކުޝްނަރގެ ކޮއްކޮ، ޖޯޝް ކުޝްނަރެވެ. އެ ކުލަބު ވިއްކާލަން ނިންމަވާފައި ވަނީ، މީގެ އެންމެ އަހަރެއްހާ ދުވަސް ކުރިން ކުލަބުގެ މެޖޯރިޓީ ހިއްސާ ބައްލަވައިގަތް މާކް ވޯލްޓަރއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވޯލްޓަރ އެ ކުލަބުގެ ހިއްސާ ބަސް އާއިލާގެ އަތުން ގަނެފައިވަނީ 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެންބީއޭގެ ބޯޑް އޮފް ގަވަނަރސްގެ ރުހުމާއެކު އޭރު ހިންގި 10ބިލިއަން ޑޮލަރުގެ މުއާމަލާތަކީވެސް އެ ދުވަސްވަރުގެ ރިކޯޑެކެވެ.

ކުލަބާ ހަވާލުވުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި އައިގަރ އަދި ކުޝްނަރ ވަނީ، މުޅި ދުނިޔޭގައިވެސް އެންމެ ފުޅާ މަގުބޫލުކަމެއް ހޯދާފައިވާ ލޭކަރސް ފަދަ ޓީމެއް ހިންގުމާ ހަވާލުވުމަކީ ލިބިގެންދާ ނުހަނު ބޮޑު ފަޚުރެއްކަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން، ކުރިން ކުލަބު ހިންގެވި ޖެރީ އަދި ޖީނީ ބަސްގެ ހަރުދަނާ ލީޑަރޝިޕަށް ތައުރީފުކުރައްވައި، އެބޭފުޅުން ގާއިމުކުރެއްވި ވަރުގަދަ ބިންގަލުގެ މަތީގައި ކުލަބު އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީ، ސަޕޯޓަރުންނާއި ލޮސް އެންޖެލިސްއަށް ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް ވިދާޅުވިއެވެ.

ލޭކަރސްގެ މިލްކުވެރިކަމުގެ ތާރީޚަށް ބަލާއިރު، ޖެރީ ބަސް އެންމެ ފުރަތަމަ 67.5މިލިއަން ޑޮލަރަށް މި ކުލަބު ގަތީ 1979ވަނަ އަހަރުއެވެ. އޭގެ ފަހުން 2013ގައި އޭނާ ނިޔާވުމާ ގުޅިގެން ކުލަބުގެ ހިންގުން ވަނީ އާއިލީ ޓްރަސްޓެއްގެ ދަށުން އޭނާގެ ހަ ދަރިންނަށް ބަދަލުވެފައެވެ. ކުލަބު ވިއްކާލުމާ ގުޅޭގޮތުން، އެލްއޭ ޑޮޖަރސްގެވެސް ހިއްސާދާރެއް ކަމަށްވާ ވޯލްޓަރ ވިދާޅުވީ، މިއީ މާލީ ގޮތުން ނުހަނު ކާމިޔާބު އިންވެސްޓްމަންޓެއް ނަމަވެސް، ލޭކަރސްގެ ސަޕޯޓަރުންނާއި ކުލަބާ ދެމެދު އޮންނަ އާއިލީ ގުޅުމަކީ އޭނާގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ކަމެއް ނޫން ކަމަށެވެ.

އެންބީއޭގެ ޗެމްޕިއަންކަން 17ފަހަރު ހޯދާފައިވާ ލޭކަރސްގެ އެންމެ ބޮޑު ތަރިއަކީ މިހާރު ލޫކާ ޑޮންޗިޗްއެވެ. ލެބްރޮން ޖޭމްސް ޓީމު ދޫކޮށް ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއަށް ބަދަލުވުމާ ގުޅިގެން ޑަލަސް މެވަރިކްސްއިން 2025ގައި ލޭކަރސްއާ ގުޅުނު ޑޮންޗިޗް ވަނީ، އައު މެނޭޖްމަންޓަށް މަރުހަބާ ކިޔާފައެވެ. އަދި އައު ވެރިންނާއެކު ލޮސް އެންޖެލިސްއަށް އިތުރު ތަށިތަކެއް ހޯދައިދިނުމުގެ އަޒުމުގައި ހުރިކަން އޭނާ ހާމަކުރިއެވެ. މި މުބާރާތުގެ އެންމެ ގިނަ ތަށި ހޯދުމުގެ ރިކޯޑު މިވަގުތު އޮންނަނީ 18ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބޮސްޓަން ސެލްޓިކްސް އަތުގައެވެ.

މި މުއާމަލާތުގައި އިސްކޮށް ހަރަކާތްތެރިވާ ކުޝްނަރއަށް މީގެ ކުރިން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގުޅިގެން އެ އިދާރާގެ ބައެއް މުބާރާތްތަކުގެ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް އޭނާ ކުރެއްވި މަސައްކަތްތަކަކާ ގުޅިގެންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު