ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބޫޓާނުގެ ޕަރޯއިން ޗެލެންޖް ލީގުގެ ޖާގަ ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ބޫޓާންގެ ޕަރޯ އެފްސީ އިން އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޖާގަ ހޯދައިފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ޕަރޯ އެފްސީ މުބާރާތުގެ ގުރޫޕް ސްޓޭޖަށް ދަތުރުކުރީ ޕްރިލިމިނަރީ ބުރުގައި އަފްޣާނިސްތާނުގެ އަބޫ މުސްލިމް އެފްސީއާ ވާދަކޮށް 2-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ އަފްޣާންގެ ކްލަބެއް ބަލިކޮށް ޕަރޯއިން މި ޖާގަ ހޯދި ދެވަނަ ފަހަރެވެ.

މިދިޔަ އަހަރު ވެސް ތިމްޕޫގެ މި ކްލަބުން މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރީ އަފްޣާނިސްތާނުގެ ޗެމްޕިއަން ޓީމު ބަލިކުރުމަށް ފަހުއެވެ. އަނެއްކޮޅުން، އަފްޣާނިސްތާނުގެ އެއްވެސް ކްލަބަކަށް އަދި މިހާތަނަށް އޭއެފްސީ މުބާރާތެއްގެ ގުރޫޕް ސްޓޭޖުން ފުރުސަތެއް ލިބިފައެއް ނުވެއެވެ. އިއްޔެ ކުޅުނު މި މެޗުގައި ޕަރޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޔޫޓާ މިޝިމާއާއި ގެމްބިއާގެ އަބްދުﷲ ބަލްޑޭއެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުން ފެށިގެން އަބޫ މުސްލިމުން ދިޔައީ ޕަރޯގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރު މޮސްތަފާ ޖަވަދިއަންކައުތެނާއީ އުފެއްދި ހަމަލާތައް ޕަރޯގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ 13ވަނަ މިނެޓުގައި ޕަރޯގެ ނިމާ ވަންގްޑީ ނަގައިދިން ހުރަހަކުން މިޝިމާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ބޯޅަ ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން، އަބޫ މުސްލިމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މިޝިމާ ވަނީ ޕަރޯއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފުގެ 33ވަނަ މިނެޓުގައި އަބޫ މުސްލިމްގެ އަލީ ރިޒާ އަށް ނަތީޖާ ހަމަހަމަކުރަން ހުސް ފުރުސަތެއް ލިބުނެވެ. ޕަރޯގެ ކީޕަރު ލަމިން ސައިޑީ ކައިރިން ނައްޓާލުމަށްފަހު އޭނާ ހުރަސްކޮށްލި ބޯޅައަށް އަރާނެ ކުޅުންތެރިއަކު ނެތުމުން އެ ފުރުސަތު ގެއްލުނެވެ. ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޕަރޯގެ ރިޗަޑް ސަގްނާ އާއި އޭވަންސް އަސާންޓޭ ގެ އިތުރުން އަބޫ މުސްލިމްގެ އަލީ ރިޒާ އާއި އޮމިޑް މޫސަވީ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ 83ވަނަ މިނެޓުގައި އަބޫ މުސްލިމްގެ ޑީގޯ ރޫއިޒް އަށް ލިބުނު ހުސް ފުރުސަތު ބޭކާރުވިއިރު، އޭގެ މިނެޓެއް ފަހުން ޕަރޯގެ ދެވަނަ ލަނޑު ޖެހީ ބަލްޑޭއެވެ. އޭނާ މި ލަނޑު ޖެހީ ސަގްނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކީޕަރު ނައްޓާލުމަށްފަހު ހުސް ގޯލަށެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި އަބޫ މުސްލިމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުންނެވެ. އެގޮތުން މެޗުގެ 89ވަނަ މިނެޓުގައި މަހްބޫބް ހަނިފީ އަދި 91ވަނަ މިނެޓުގައި އަޒާދު ޖަފަރުޒާދޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، އަބޫ މުސްލިމުން މެޗު ނިންމާލަން ޖެހުނީ ދެ ކުޅުންތެރިން މަދުކޮށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު